ރިޕޯޓް

"ދައުލަތަށް ކުއްޖާ ނަގާނީ އެންމެ ފަހު ކަމަކަށް، ބޭނުމީ ޢާއިލާތެރެއިން ކުއްޖާ ބޮޑުވާން"


ތަފާތު ހާލަތްތަކާގުޅިގެން ދައުލަތަށް ކުޑަކުދިން ނަގާނީ އެންމެފަހު ކަމަކަށް ކަމަށާއި، ބޭނުންވަނީ ކުދިން އެކުދިންގެ އާއިލާތެރޭގައި ބޮޑުވުމުގެ ފުރުޞަތު ފަހިކޮށްދިނުން ކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ވިދާޅުވެއްޖެއެވެ. ދައުލަތުގެ ބެލުމުގެ ދަށަށް ގެންދާ ކުޑަކުދިން އަލުން އެކުދިންގެ ޢާއިލާއާ ޙަވާލުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުޞޫލު ބަޔާންކޮށް، އެކަމަށް ޚާއްސަ ގަވާއިދެއް މިހާރު ވަނީ އެކުލަވާލާފައެވެ.

މިފަދަ ގަވާއިދެއް އެކުލަވާލުމުގެ މައިގަނޑު މަޤްޞަދަކީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ކުޑަކުދިންނަށް ލިބިދޭ ޙައްޤުތައް އެ ކުދިންނަށް ލިބިދިނުމުގައި އެ ޤާނޫނުގައި ބަޔާންވެގެންވާ ކަންކަން ކުރަންވާނީ ކުއްޖާގެ މަޞްލަޙަތަށް އެންމެ ފައިދާވާ ގޮތަށްކަމަށް އެ ޤާނޫނުގައި ބަޔާންކޮށްފައި ވީހިނދު، ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންގެ މަޞްލަޙަތަށް ފައިދާ ހުރީ އެ ކުދިންގެ ޢާއިލާތަކާއެކު އުޅެވޭނެ ހާލަތުގައި ކަމަށް ވާނަމަ، އެ ކުދިންގެ ޢާއިލާތަކާ ހަވާލު ކުރެވޭނެ ގޮތް ހަމަޖައްސައިދިނުމެވެ. އަދި މި ޤާނޫނުގައި ކުއްޖެއްގެ ޢާއިލީ މާޙައުލުން ކުއްޖާ ވަކިކުރަންވާނީ އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުގައި ކަމަށް އޮންނަ އޮތުމުގެ މަޤްޞަދަށް ރިޢާޔަތްކޮށް، ދައުލަތުގެ ބެލުމުގެ ދަށަށް ގެންދާ ކުދިން ދާއިމީކޮށް ޢާއިލީ މާޙައުލުގައި އުޅުމަކީ އެ ކުދިންގެ މަޞްލަޙަތަށް ފައިދާވާ ގޮތް ކަމަށް ވާނަމަ، އެ ކުދިންގެ ޢާއިލީ މާޙައުލުގައި އުޅެބޮޑުވުމުގެ ފުރުޞަތު އެ ކުދިންނަށް ހޯދައިދިނުމެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދަައްކަވަމުން ޖެންޑަރ މިނިސްޓްރީގެ ސީނިއަރ ލީގަލް ކައުންސިލް އަލްއުސްތާޛާ އައިޝަތު އިފާދާ ވިދާޅުވީ، ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން އަލުން އެކުދިންގެ ޢާއިލާތަކާއި ހަވާލުކުރުމުގެ އުޞޫލުތަކާއި، އެކަމުގައި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ޒިންމާތަކާއި، އެކުދިން ޢާއިލާތަކާ ހަވާލުކުރެވޭއިރު، އެކުދިންނާ ހަވާލުވާ ފަރާތްތަކުގެ ޒިންމާތަކާ މަސްއޫލިއްޔަތުތައް މި ގަވާއިދުގައި ވަރަށް ތަފްޞީލުކޮށް ފާހަގަކޮށްފައިވާނެކަމަށެވެ. އަދި އެއްވެސް ސަބަބަކާހުރެ ދައުލަތުގެ ބެލުމުގެ ދަށަށް ކުޑަކުއްޖަކު ނަގަންޖެހިއްޖެ ޙާލަތެއްގައި އެންމެ ފުރަތަމަ އަދި އެންމެ ބޮޑު އިސްކަމެއްދޭނީވެސް ކުއްޖާގެ މަސްލަޙަތު ހިމާޔަތްކޮށް، ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށް އަލްއުސްތާޛާ އިފާދާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މައިގަނޑު މަޤްޞަދެއްގެގޮތުގައިވެސް މުޅި ގަވާއިދުގައި ބަޔާންކޮށްފައިވާނީ ކުއްޖާގެ މަސްލަޙަތަށްޓަކާ ކުއްޖާއަށް ލިބިދޭންޖެހޭ އަޅާލުމާ ލޯތްބާއި، އެކަންކަން ފޯރުކޮށްދިނުމަށްޓަކާ އެކުއްޖާ އަލުން އަނބުރާ ޢާއިލާއަށް ގެންދިއުމަށް. އަޅުގަނޑުމެން ތަކުރާރުކޮށްލަން ބޭނުންވާ އެއްކަމަކީ އަޅުގަނޑުމެން ކުއްޖެއްގެ ކަންތައްތައް ބަލާއިރުގައި އަޅުގަނޑުމެން ބޮޑަށް ބަލަންޖެހޭނީ ކުއްޖާގެ މަސްލަޙަތަށޭ "އަލްއުސްތާޛާ އިފާދާ ވިދާޅުވިއެވެ.

ޖެންޑަރ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ އައިމިނަތު ނިޝްރީން ވިދާޅުވީ، ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖާނެގެނީ ދާއިމީ ގޮތަކަށްނޫންކަމަށެވެ. އެގޮތަށް ގެނައުމަށްފަހުވެސް ކުއްޖާ އަލުން ޢާއިލާއާ ގުޅުވައިދީ، ޢާއިލީ ލޯތްބާއި އޯގާތެރިކަމާއެކު ޢާއިލީ ވެއްޓެއްގެ ތެރޭގައި ކުއްޖާ ބޮޑުވުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި މަދުންނަމަވެސް ބައެއް އާއިލާތަކުގެ ފަރާތުން ކުއްޖާއާއި ޙަވާލުނުވާން އުޅުންފަދަ ކަންކަން ފާހަގަކުރެވުނު ނަމަވެސް، ޖުމްލަގޮތެއްގައި ގިނަ ޢާއިލާތަކުން އެކަށީގެންވާވަރުގެ އެއްބާރުލުމެއް ލިބޭކަން ނިޝްރީން ފާހަގަކުރެއްވިއެވެ.

"ހަމަ ގިނަ ޢާއިލާތަކުން ވަރަށް އެއްބާރުލުންދޭ. މިސާލަކަށް ދުރުތާ ތިމާގެ ކުއްޖެކަމަށްވިޔަސްވެސް އެ ކުއްޖަކު ދައުލަތަށްދިޔަނުދީ ހަމަ އާއިލާ ތެރޭގައި މެނޭޖްކުރަން މަސައްކަތް ކުރާ ވަރަށް ގިނަ ޢާއިލާތައް އަޅުގަނޑުމެންގެ ތެރޭގައި ތިބިކަމަށް ފާހަގަކުރެވޭ. ބައެއް ޢާއިލާތަކުން ބުނެފައިވެސް އެބަހުރި މީހަކު ޚަރަދުނުކުރިޔަސް ތިމަންނަމެން ބޭނުންވަނީ އެކުއްޖާ ގެންގުޅޭށޭ " ނިޝްރީން ވިދާޅުވިއެވެ.

ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނަގަނީ އެކުއްޖެއްގެ ހައްޤަކަށް އުނިކަމެއްލިބި ނުވަތަ އެކުއްޖާގެ ކަރާމާތަށް ގެއްލުންވާފަދަ ހާލަތްތައް މެދުވެރިވެގެން ހުށައެޅޭ މައްސަލަތަކުގައެވެ. އެގޮތުން ޖިންސީ، ޖިސްމާނީ، ނަފްސާނީ އަދި އިހުމާލުގެ މައްސަލަތަކާ ގުޅިގެން ކުއްޖާގެ އާއިލާ ތެރެއިން ނުވަތަ ކުއްޖާ ހުރި މާހައުލުން ކުއްޖާގެ ރައްކާތެރިކަން ކަށަވަރުނުކުރެވޭ ޙާލަތްތަކުގައި ކުއްޖާ ދައުލަތަށް ނެގުމާމެދު ގޮތެއް ނިންމާނީ އެކުއްޖަކާ ޢާއިލާގެ ޢިޖްތިމާއީ ހާލަތު ދެނެގަތުމަށް އެސެސްމެންޓް ރިޕޯޓެއް ތައްޔާރުކޮށް، ރިޕޯޓުގެ ހޯދުންތަކަށް ބެލުމަށްފަހުއެވެ.

ޖެންޑަރ މިނިސްޓްރީން އަލަށް އެކުލަވާލާފައިވާ ގަވާއިދުގައިވާ ގޮތުން ދައުލަތުގެ ބެލުމުގެ ދަށަށް ގެންދާ ކުދިން އަލުން އެކުދިންގެ ޢާއިލާއާއި ޙަވާލުކުރާއިރު، ޙަވާލުވާ ފަރާތަކީ އުމުރުން 20 އަހަރާއި 70 އަހަރާ ދެމެދުގެ މީހަކަށް ވާންޖެހެއެވެ. އަދި އެ ފަރާތަކީ ކުއްޖާ ބެލެހެއްޓޭވަރުގެ އާމްދަނީއެއް ލިބޭ، ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުންވެސް ދުޅަހެޔޮ ފަރާތެއްކަމަށް ވާންޖެހޭނެއެވެ. ހަމައެހެންމެ އެ ފަރާތަކީ ކުޑަކުއްޖަކު ނުވަތަ މީހަކަށް ޖިންސީ، ޖިސްމާނީ، ނަފްސާނީ ނުވަތަ އިހުމާލުވެފައިވާކަން ޝަރީޢަތަށް ސާބިތުވެފައިވާ ނުވަތަ އެފަދަ އަމަލަކަށް އެއްވެސް ސިފައެއްގައި އެހީތެރިވެ ނުވަތަ ތުހުމަތުކުރެވި ދަޢުވާ އުފުލިފައިވާ މީހަކަށް ވެގެން ނުވާނެކަމަށާއި، ފާއިތުވި 10 އަހަރުގެ ތެރޭގައި މަސްތުވާތަކެއްޗާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރެއިން އެއްވެސް ކުށެއްގެ ރިކޯޑެއް އޮތް މީހަކަށް ވެގެންނުވާނެ ކަމަށްވެސް މި ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.