ޚަބަރު

ދެ ހަފްތާ ފަހުން ރަށްރަށުން ޕޮަޒިޓިވްވި މީހުންގެ ޢަދަދު 100އަށް


ރަށްރަށުން 100 މީހުން ޕޮޒިޓިވްވެ، އިތުރު 137 މީހުން މިއަދު ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ. ރާއްޖޭގައި ކޯވިޑުން ރަނގަޅުވި މީހުންގެ ޢަދަދު މިހާރުވަނީ 75،000އަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އެންމެފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އަންގާރަ ދުވަހުގެ އިރުއޮއްސި 6:00 އިން ބުދަ ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ 137 މީހުންނެވެ. މީގެތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 23 މީހުންނާއި، ރަށްރަށުން ޕޮޒިޓިވްވި 100 މީހަކު ހިމެނެއެވެ. އަދި ރިސޯޓްތަކުން 14 މީހަކުވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 77،895އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދަށްވެފައިވާއިރު މާލެ ސަރަޙައްދުން ރިޕޯޓުކުރާ ކޭސްތައް އިތުރުނުވެ ވަނީ ހިފެހެއްޓިފައެވެ. ނަމަވެސް އަތޮޅުތަކުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބައެއް ދުވަސްތަކުގައި އިތުރުވާކަން އެޗްޕީއޭގެ ތަފާސް ހިސާބުތަކުންދައްކައެވެ. އަތޮޅުތަކުގެ ކޭސްތައް މިދިޔަ ޖުލައި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ރިޕޯޓުކުރީ 100އިން ދަށުންނެވެ.

ކޯވިޑަށް މިވަގުތު ފަރުވާ ހޯދަމުންދަނީ 2،566 މީހުންނެވެ. މީގެ ތެރެއިން އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 17 މީހުންނަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 30 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 75،095އަށް އަރާފައެވެ. 24 ގަޑިއިރުގެ ތެރޭގައި ބަލި ދެނެގަތުމަށް 4996 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 222 މީހުން ވަނީ ނިޔާވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 203 ދިވެހިންނާއި 19 ބިދޭސީންނެވެ.