ޚަބަރު

މުވައްޒަފަކު ޕޮޒިޓިވްވެ، ހިޔާ އެއްބަސްވުުމުގައި ސޮއިކުރުން މެދުކަނޑާލައިފި


ހިޔާ ފްލެޓް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތުގައި ހަރަކާތްތެރި ވަމުންދިޔަ، އެޗްޑީސީގެ މުވައްޒަފަކު ކޯވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން، ސޮއިކުރުން ވަގުތީ ގޮތުން މެދު ކަނޑާލައިފިއެވެ.

އީދު ބަންދާއި، ޖުލައި ސައްބީސް ބަންދަށްފަހު ހިޔާ ފްލެޓް އެއްބަސްވުންތަކުގައި ސޮއިކުރަން ފަށާފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. އެޗްޑީސީން މިއަދު ވިދާޅުވީ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް، ސޮއިކުރުމުގެ މަސައްކަތުގައި ހަރަކާތްތެރި ވަމުންދިޔަ، އެޗްޑީސީގެ މުވައްޒަފަކު ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން، ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް މެދުކަނޑާލާފައިވާ ކަމަށެވެ.

މުވައްޒަފަކުކު ޕޮޒިޓިވްވުމުން މިއަދު ސޮއިކުރަން ތާވަލް ކުރެވިފައިވާ މީހުން ސޮއިކުރުން ވަގުތީގޮތުން ވަނީ މެދު ކަނޑާލާފައެވެ. އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ކަންތައްތައް އަލުން ފަށާނެ ތާރީޚެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި މަޝްވަރާ ކުރުމަށްފަހު އިއުލާންކުރާނެކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ދޫކުރާ 6720 ހައުސިންގ ޔުނިޓު ލިބުނު ފަރާތްތަކާއެކު އެއްބަސްވުން އެކުލަވާލާ ފްލެޓުތަކުގެ ތަޅުދަނޑި ޙަވާލުކުރަން ފަށާފައިވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުގައެވެ. އެކި ދުވަސްތަކަށް ބަހާލައިގެން ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދާއިރު އެޗްޑީސީން މަސައްކަތް ކުރަމުންދިޔައީ މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން މިމަސައްކަތް އެއްކޮށް ނިންމުމަށެވެ. ނަމަވެސް ބަންދުތަކާއި، ކޯވިޑްގެ ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން މިމަސައްކަތް އިތުރަށް ފަސްވެގެންދާނެއެވެ.

ފްލެޓުގެ އެއްބަސްވުން އެކުލަވާލުމަށް ވަކި ދުވަސްތަކެއް ކަނޑައާޅާފައި ވީނަމަވެސް އެއްބަސްވުން އެކުލަވާލެވޭނީ އެކަމަށްޓަކައި އެޗްޑީސީން ދޫކުރާ ފޯމުތައް ފުރިހަމަކޮށް ލިޔެކިޔުންތައް ހަމަކުރުމުންނެވެ. މިކަންކަން ފުރިހަމަ ނުކުރާ ފަރާތްތަކާއެކު އެޓަވަރެއްގެ އެއްބަސްވުން އެކުލަވާލަން ކަނޑައެޅިފައިވާ ދުވަހުގައި ކުރިއަށް ނުދެވޭނެކަމަށް އެޗްޑީސީއިން ވިދާޅުވެއެވެ. އެހެންކަމުން އެއްބަސްވުންތަކުގައި ސޮއިކުރުމަށް ދިއުމުގެ ކުރިން މަޢުލޫމާތު ސާފުކުރުމަށް އެޗްޑީސީއިން އިލްތިމާސްކުރައްވައެވެ.