ޚަބަރު

ފާތިހަށް ދަޢުވާނުކުރަން ނިންމީ މިވަގުތަށް، ތަހުގީގް ދަނީ ކުރިއަށް: ޕީޖީ


ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާ ދިނުމުގައި ބައިވެރިވުމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ އަހްމަދު ފާތިހަށް ދައުވާ ނުކުރުމަށް ނިންމާފައިވަނީ މިވަގުތަށް ކަމުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެން ޝަމީމް ވިދާޅުވެއްޖެއެވެ. ޕީޖީ ވިދާޅުވީ މިތަހުގީގަކީ މިހާރުވެސް ކުރިއަށްދާ ތަހުގީގަކަށްވުމުން ގިނަ ކަންތައްތަކެއް އަދިވެސް ސާފުވަމުން ދާނެކަމަށެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ އަހުމަދު ފާތިހު އަކީ ފުލުހުން ދައުވާ ކޮށްދިނުމަށް ޕީޖީ އޮފީހަށް ފޮނުވި މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. ފާތިހުއަށް ދައުވާ ނުކުރަން ނިންމި ނިންމުމާއި ގުޅޭގޮތުން ޕީޖީ ވިދާޅުވީ މިވަގުތަށް ލިބިފައިވާ ހެކިތަކަށް ބެލުމަށްފަހު، ދައުވާނުކުރަން ނިންމާފައިވާކަމަށެވެ.
ނަމަވެސް މިމައްސަލައަކީ މިހާރުވެސް ތަހުގީގް ކުރިއަށްދާ މައްސަލައަކަށް ވެފައި، މިމައްސަލާގައި ފާތިހުގެ ފަރާތުން ސާފުކުރަންޖެހޭ މުހިންމު ކަންތައްތަކެއް ހުރުމުން އެކަންކަން ތަހުގީގުގައި ސާފުވެގެންދާނެކަމަށެވެ. މިއީ މިހާރުވެސް ތަހުގީގް ކުރިއަށްދާ މައްސަލައަކަށް ވުމުން ފާތިހުއަށް ދައުވާ ނުކުރަން މިވަގުތަށް ނިންމި ސަބަބާއި ގުޅިގެން ޕީޖީ މާބޮޑު ތަފްސީލަކަށް ގޮސްފައި ނުވެއެވެ.

"ދައުވާނުކުރަން ނިންމި ސަބަބަކީ އަޅުގަނޑުމެންނަށް މިހާތަނަސް ލިބިފައި އޮތް ހެކިތަކާއި، މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރުގައި މިވަގުތަށް އަޅުގަނޑުމެން ދައުވާއެއް ނުކުރަން ނިންމައިގެން މިއުޅެނީ. ދެން އޭގެ ތަފްސީލްތަކަށް އަޅުގަނޑު ދާކަށް ނެތިން. އަދި މިމައްސަލައިގެ ތަހުގީގެއް މުޅިން ނުއެއް ނިމޭ. ފާތިހުގެ ފަރާތުން ހޯދަންޖެހޭ ބައެއް މައުލޫމާތުތައްވެސް އެބަހުރި. އަދި ފާތިހުގެ ބައެއް މައުލޫމާތުތައް އަޅުގަނޑުމެންނަށް މުޅިން ފައިނަލައިޒްއެއް ނުއެއްވޭ. މިވަގުތަށް އަޅުގަނޑުމެން ދައުވާ ނުކުރަން ނިންމައިގެން މިއުޅެނީ." ޕީޖީ ޝަމީމް ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާދިން މައްސަލާގައި ހައްޔަރުކޮށްފައިވާ އަހުމަދު ފާތިހުއަކީ ކުރިން ފުލުހުންގެ ތެރޭގައިވެސް މަސައްކަތް ކޮށްފައިވާ މީހެކެވެ. ލ.ގަން / ދުންފިނި އުފާ، އަހުމަދު ފާތިހު ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުގެ ރޭ ބ. ދަރަވަންދޫގައި ހިންގި އޮޕަރޭޝަނެއްގައެވެ.

މިމައްސަލާގައި ދައުވާ ކުރަން ފޮނުވުނު 4 މީހުންގެ މައްޗަށް ވަނީ ބޮޑެތި ހުކުމްތައް އަންނަ 13 ދައުވާއެއް އުފުލާފައެވެ. ޕީޖީ ވިދާޅުވީ މިމައްސަލައަކީ އެއްވެސް ހާލެއްގައި ދީނީ މައްސަލައެއްކަމަށް ނުބުނެވޭނެކަމަށެވެ. އަދި ތަހުގީހުގައި މިހާތަނަށް ހައްޔަރު ކޮށްފައިވާ މީހުން ދައްކާ ވާހަތަކާއި، ލިބިފައިވާ ހެކިތަކާއި، މައުލޫމާތަށް ބަލާއިރު މިއީ ރޭވިގެން ހިންގި ޖީނައީ ބޮޑު މައްސަލައެއްކަމަށެވެ. އިސްލާމްދީނަކީ ހައްދުފަހަނަ އެޅުމާއި، މީހުންނާއި، ތަކެއްޗަށް ގެލުންދޭން ހިތްވަރުދޭ ދީނަކަށް ނުވާއިރު، މިކަން ދީނާއި ގުޅުވޭނެ ގޮތެއް ނެތްކަމަށްވެސް ޕީޖީ ވިދާޅުވިއެވެ.