ވިޔަފާރި

"ގޯލްޑް 100 ގާލާ" އަންނަ އޮކްޓޯބަރ މަހު ބާއްވަނީ


ރާއްޖޭގައި އެންމެ ކުރިއަރާފައިވާ 100 ކުންފުނި ހޮވުމަށް ބާއްވާ "ގޯލްޑް 100 ގާލާ" އަންނަ އޮކްޓޯބަރ މަހުގެ 21 ވަނަ ދުވަހު އޮންނާނެކަމަށް އިވެންޓް އިންތިޒާމްކުރާ ކޯޕަރޭޓް މޯލްޑިވްސްއިން ބުނެފިއެވެ. މިއީ މި އިވެންޓް ބާއްވާ 5 ވަނަ އަހަރެވެ.

މި އިވެންޓުގައި ގޯލްޑް 100 އަށް ހޮވޭ ފަރާތްތަކަށް އެވޯޑްދިނުމާއި ގޯލްޑް 100 މެގަޒިން ލޯންޗްކުރުން އޮންނާނެއެވެ.
ގޯލްޑް 100 އަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކުގެ ތެރެއިން އެންމެ ކުރިއަރާފައިވާ ކުންފުނިތައް ހޮވުމަށް އަހަރަކު އެއްފަހަރު ބާއްވާ އިވެންޓެކެވެ. މި ލިސްޓަށް ކުންފުނިތައް ހޮވަނީ ހާއްސަ ކޮންސަލްޓަންޓް ކޮމިޓީއަކުން ބެލުމަށްފަހުއެވެ.

އެންމެ ފުރަތަމަ "ގޯލްޑް 100" ގެ ނަމުގައި އެވޯޑެއް ދޭންފެށީ 2017ވަނަ އަހަރުއެވެ. އެންމެ ރަނގަޅު 100 ކުންފުނި ހޮވުމުގެ އިތުރުން ކޯޕަރޭޓް މޯލްޑިވްސް އިން ދަނީ ކޮންމެ އަހަރަކުވެސް ވިޔަފާރީގެ ދާއިރާއިން "ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް" ވެސް ދެމުންނެވެ.

ގޯލްޑް 100 ގާލާއަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ އެންމެ އިސްފަރާތްތައް ބައިވެރިވާ ނެޓްވޯކިންގ އިވެންޓެކެވެ. މި އިވެންޓުގައި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެއެވެ.