ދުނިޔޭގެ ވިޔަފާރި

މަސައްކަތްތެރިކަމުގައި އަންހެނުން ބައިވެރިވާ މިންވަރު އިންޑިއާގައި ދަށްވެއްޖެ


ކޯވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ވަޒީފާ ނުލިބުމުގެ ސަބަބުން މަސައްކަތްތެރިކަމުގައި އަންހެނުން ބައިވެރިވާ މިންވަރު އިންޑިއާގައި ދަށްވެއްޖެއެވެ. އިންޑިއާގެ ތަފާސް ހިސާބުތަކާއި ބެހޭ ވުޒާރާއިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރުން ޖުލައިގެ ނިއަލަށް މަސައްކަތްތެރިކަމުގައި އަންހެނުން ބައިވެރިވާ މިންވަރުވަނީ 16.1 އިންސައްތައަށް ދަށްވެފައެވެ.

މިރިޕޯޓުގައިވާ ގޮތުން ބަލިމަޑުކަމުން ދިފާޢުވުމަށް އިންޑިޔާއިން ހަރުކަށި ފިޔަޅުތަކެއް އެޅުމުގެ ސަބަބުން މިދިޔަ އަހަރު އޭޕްރީލުން ޖޫންމަހުގެ ނިއަލަށްވެސް މަސައްކަތްތެރިންގެ ގޮތުގައި އަންހެނުން ބައިވެރިވާ މިންވަރު ވަނީ 15.5 އިންސައްތައަށް ދަށްވެފައެވެ.

ވޯރލްޑް ބޭންކުން ލަފާކުރާގޮތުގައި އިންޑިއާއަކީ ދުނިޔޭގައި މަސައްކަތްތެރިންގެ ގޮތުގައި އަންހެނުން ބައިވެރިވާ މިންވަރު އެންމެ މަދު ޤައުމެވެ. މީގެއިތުރުން 2005 ވަނަ އަހަރު މިމިންވަރު 26 އިންސައްތައިގައި ހުރުމަށްފަހު 2019 ވަނަ އަހަރު ވަނީ 20.3 އިންސައްތައަށް ވެއްޓިފައެވެ. އަވަށްޓެރި ބަންގްލަދޭޝްގައި މަސައްކަތްތެރިންގެ ގޮތުގައި އަންހެނުން ބައިވެރިވާ މިންވަރު 30.5 އިންސައްތައިގައިހުރިއިރު ސްރީލަންކާގައި މި މިންވަރު ހުރީ 33.7 އިންސައްތައިގައެވެ.

އިންޑިއާގެ ގިނަ އަންހެނުން މަސައްކަތްކުރަނީ މާބޮޑު ހުނަރެއް ބޭނުންނުވާ މަސައްކަތްތައް ކަމަށްވާ ދަނޑުވެރިކަމާއި، ކާރުޚާނާތަކުގެ މަސައްކަތާއި، ގޭތެރޭގައި ކުރާ މަސައްކަތްތަކެވެ. އަދި މިއީ ބަލިމަޑުކަމުގައި އެންމެ ބޮޑަށް އަސަރުކުރި ސިނާޢަތްތައްވެސް މެއެވެ.

މީގެއިތުރުން އިންޑިއާގައި ވަޒީފާނެތް އަންހެނުންގެ ނިސްބަތް ދަށްވެފައިވާއިރު ފިރިހެނުންގެ ނިސްބަތްވެސް ވަނީ 12.6 އިންސައްތައަށް ދަށްވެފައެވެ. މިއާއިއެކު ޖުލައިމަހުގެ މުޅި ޖުމްލަ ވަޒީފާނެތް މީހުންގެ ނިސްބަތް ވަނީ 6.95 އިންސައްތައަށް ވެއްޓިފައެވެ. މި ޢަދަދު ޖޫންމަހު ހުރީ 9.17 އިންސައްތައިގައި ކަމަށް ސެންޓަރ ފޯ މޮނިޓަރިންގ އިންޑިއަން އިކޮނޮމީގެ ހިސާބުތަކުން ދައްކައެވެ.

އޭޝިއާގެ ތިންވަނައަށް އެންމެ ބޮޑު އިޤްޠިޞާދު އޮންނަ އިންޑިއާގެ އިޤްޠިޞާދު މިދިޔަ އަހަރު ނިމުނު އިރު ވަނީ 7.3 އިންސައްތައަށް ވެއްޓިފައެވެ.

ވެކްސިންދޭ މިންވަރު މަދުވުމާއި ޚަރަދުކުރާ މިންވަރު ދަށްވުމުގެ ސަބަބުން ކޯވިޑުގެ ބަލިމަޑުކަމުގެ ކުރިން ހުރިވަރަށް އިންޑިއާގެ އިޤްޠިޞާދު އަންނަ އަހަރުގެ މާރޗްގެ ކުރިން އާރާސްތު ނުވާނެކަމުގެ އިންޒާރު ކަމާބެހޭ މާހިރުން އަންނަނީ ދެމުންނެވެ.