ޚަބަރު

ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ކާމިޔާބީތައް ފާހަގަކުރުން މިރޭ


ރައީސުލްޖުމްހޫރިއްޔާ
ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޚާރިޖީ ސިޔާސަތަށް ދެއަހަރު ފުރުމާ، ރާއްޖެ އ.ދގެ
މެމްބަރަކަށް ވިތާ 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިރޭ ޚާއްސަ
ރަސްމިއްޔާތެއް ބޭއްވުމަށް ދިވެހި ޚާރިޖިއްޔާއިން ނިންމަވައިފިއެވެ.



މި ރަސްމިއްޔާތުގައި
ފާއިތުވި ދެއަހަރުގެ ތެރޭގައި ޚާރިޖީ ސިޔާސަތާ ބެހޭ ދާއިރާއިން ހޯދާފައިވާ
ކާމިޔާބީތައް ފާހަގަކުރައްވާނެއެވެ.



1965 ވަނަ އަހަރު
އިނގިރޭސިންގެ އަތްދަށުން މިނިވަންވިތާ 56 ދުވަހުގެ ތެރޭގައި ދިވެހި ރާއްޖެ އ.ދގެ
މެމްބަރަކަށް ވީ އެއަހަރުގެ ސެޕްޓެމްބަރ މަހުގެ 21 ވަނަ ދުވަހުއެވެ.  



މިކާމިޔާބީއާއެކު
ރާއްޖެ ފަދަ ކުޑަ ގައުމަކަށް ދުނިޔޭގެ ބާރުގަދަ ގައުމުތަކާ އެއް ހަމައެއްގައި
ބައިނަލްއަޤްވާމީ މައިދާނުގައި ބަސްބުނުމުގެ ހައްޤު ލިބިގެން ދިޔައެވެ.



އަދި ފަލަސްޠީނަށް މިނިވަން
ދައުލަތެއް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތާ މޫސުމަށް އަންނަ ބަދަލުތަކާ
އޭނގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމާ ގުޅުން ހުރި މަސައްކަތްތަކުގައި
ޢަމަލީ ގޮތުން ބައިވެރިވެ އަޑު އުފުލުމުގެ ފުރުސަތު ރާއްޖެއަށް ލިބުނު އިރު، ފާއިތުވި
އަހަރުތަކުގައި މި މައުޟޫޢުތަކާ ގުޅުން ހުރި މުހިއްމު މަސައްކަތްތަކެއް ރާއްޖެއިން
 ވަނީ ކޮށްފައެވެ.



ފާއިތުވި ދެއަހަރަކީ
ޚާރިޖީ ސިޔާސަތުގެ ދާއިރާއިން އާ އުސްމިންތަކަކަށް ރާއްޖެ ޖެހިލާފައިވާ ދެ
އަހަރަށް ވާ އިރު، ރައީސް ޔާމިންގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތު ބިނާ
ކުރައްވާފައިވަނީ މައިގަނޑު 6 އަމާޒެއްގެ މައްޗަށެވެ.



އެއީ ދިވެހިރާއްޖޭގެ
ގައުމީ ސިޔާދަތު ހިމާޔަތްކޮށް ގައުމުގެ ސަލާމަތާ ރައްކާތެރިކަން އިތުރުކުރުމާ، އިސްލާމީ ވަހުދަތު ހިމާޔަތްކޮށް ބޭރު ދުނިޔޭގައި އިސްލާމް
ދީނުގެ ރިވެތި ސިފަތައް ކުރިއެރުވުމުގެ މަސައްކަތްތައް ކުރުމެވެ.



މީގެ އިތުރުން،
ގައުމުގެ އިޤްތިސާދީ އުފެއްދުންތެރިކަން އިތުރުކުރުމާ ދެކުނު އޭޝިޔާގެ ސަރަހައްދީ
އެއްބާރުލުން އިތުރުކުރުމަށް މަސައްކަތް ކުރުން ވެސް ރައީސް ޔާމީންގެ ސަރުކާރުގެ
ޚާރިޖީ ސިޔާސަތުން ހާސިލުރައްވަން އަމާޒުކުރައްވައެވެ.  

ހަމައެއާއެކު، ރާއްޖެއިން ބޭރުގައި އުޅޭ ދިވެހި
ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތްތައް ފޯރުކޮށްދިނުމާ، ކޮންސިއުލަރ
ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށާ ޚާރިޖީ ދާއިރާގެ
ހިންގުން ކުރިއަރުވާ ހަރުދަނާ ކުރުން ވެސް ސަރުކާރުގެ ޚާރިޖީ ސިޔާސަތުގައި ހިމަނުއްވާފައިވެއެވެ.