ޚަބަރު

ބްރެޒިލް އޮލިމްޕިކްސް ފުޓުބޯޅައިގެ އިވެންޓުގެ ފައިނަލަށް


ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސް ފުޓުބޯޅައިގެ ފިރިހެން އިވެންޓުގެ ފައިނަލުން ބްރެޒިލް ޖާގަހޯދައިފިއެވެ.

މި ބައިގެ ފައިނަލުން ބްރެޒިލް ޖާގަހޯދީ ސެމީފައިނަލްގައި މެކްސިކޯއާ ބައްދަލުކުރި މެޗު ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވީއިރުވެސް ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުމުން ޕެނަލްޓީ ޖަހައިގެން 4 ލަނޑު 1 ލަނޑުންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމުންވެސްވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް ދެ ޓީމުގެ ކުޅުންތެރިން އުފެއްދި ހަމަލާތަށް ލަނޑަށް ބަދަލުކުރެވޭގޮތެއް ނުވިއެވެ. ނަތީހާއަކަށް ވެގެން ދިޔައީ ފުރިހަމަ ވަގުތު ހަމަވެ، އިތުރު ވަގުތުގެ ދެ ހާފު ނިމުނުއިރުވެސް ދެޓީމުން ކުރެ އެއްވެސް ޓީމަށް ލަނޑެއް ކާމިޔާބުކުރެވޭގޮތް ނުވުމެވެ. އަދި ނަތީޖާ ނެރުމަށްޓަކައި ޕެނަލްޓީ ޖަހަން ޖެހުމެވެ.

މިގޮތުން ޕެނަލްޓީ ޝޫޓް އައުޓްގައި ބްރެޒިލްއިން ޖެހި ހުރިހާ ޕެނަލްޓީއެއް ކާމިޔާބު ކުރިއިރު މެކްސިކޯއިން އެންމެ ފުރަތަމަ ޖެހި ތިން ޕެނަލްޓީވެސް ކާމިޔާބުވާގޮތެއް ނުވިއެވެ. އެހެންކަމުން 4 ލަނޑު 1 ލަނޑުން މި މެޗު ކާމިޔާބުކޮށް ބްރެޒިލް މި މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރިއެވެ.

މިމުބާރާތުގެ ފައިނަލްގައި ބްރެޒިލް ބައްދަލުކުރާނީ ދެ ވަނަ ސެމީފައިނަލް ކާމިޔާބުކުރި ސްޕެއިންއާއެވެ.