ޚަބަރު

ކިއެލީނީ ޔުވެންޓަސްގައި އިތުރު ދެ އަހަރު މަޑުކުރަން ނިންމައިފި


އިޓާލިއަން ސެރީއާގެ ޔުވެންޓަސްގެ އިތުރުން އިޓަލީ ޤައުމީ ޓީމުގެ ކެޕްޓަން ޖޯޖިއޯ ކިއެލީނީ ޔުވެންޓަސްއާއެކު ހަދާފައިވާ އެއްބަސްވުން އައުކޮށް އެ ކުލަބްގައ އިތުރު ދެ އަހަރު މަޑުކުރަން ނިންމައިފިއެވެ. މި އެއްބަސްވުމާއެކު ކިއެލީނީ ޔޫވޭއަށް 18 އަހަރު ކުޅޭނެކަން މިހާރުވަނީ ގާތްގަނޑަކަށް ކަށަވަރުވެފައެވެ.

މި އެއްބަސްވުމާއެކު ކިއެލީނީ ޔުވެންޓަސްގައި 2023ވަނަ އަހަރުގެ ސީޒަނުގެ ނިޔަލަށް ކުޅޭއިރު އޭނާގެ އުމުރުން އޭރު 38 އަހަރުވާނެއެވެ. މިފަހަރުގެ ޔޫރޯގައި 36 އަހަރުގެ ކިއެލީނީ ޔުވެންޓަސްއާއެކު ހަދާފައިވާ އެއްބަސްވުން ވަނީ ހަމަވެފައެވެ.

ޔޫވޭއިން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި ކިއެލީނީއަކީ އެ ކުލަބުގެ ތާރީޚުގެ ބޮޑު ބައެއް ޙިއްސާކުރާ ކުޅުންތެރިއެކެވެ. އަދި އޭގެ އިތުރުން ކުލަބުގެ މިހާރާއި ކުރިމަގުވެސް އޭނާއަށް ވަރަށް ބޮޑަށް ބަރޯސާވާކަމަށް ޔޫވޭއިން ހާމަކުރެއެވެ.

ކިއެލީނީ ޔޫވޭގައި ހޭދަކުރި 16 އަހަރުގެ ތެރޭގައި 14 މުބާރާތެއް ވަނީ ކާމިޔާބުކޮށްފައެވެ. އަދި އޭގެ ތެރޭގައި ސެރީއާގެ ތަށި ޖެހޖެހިގެން ނުވަ ފަހަރު ކާމިޔާބުކުރުންވެސް ހިމެނެއެވެ. ކިއެލީނީވަނީ މެޗު ފިކްސް ކުރުމުގެ މައްސަލަތަކަކާއި ހެދި ސެރީ ބީއަށް ޔޫވޭ ރެލިގޭޓް ވުމުންވެސް އެ ކުލަބްގައި މަޑުކުރި ކުޅުންތެރިންގެ ތެރޭގައެވެ.