ޚަބަރު

އޮލިމްޕިކްސް ބާސްކެޓް ފިރިހެން ސެމީ ފައިނަލަށް އެމެރިކާ


ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި މިހާރު ކުރިއަށްދާ އޮލިމްޕިކް ކުޅިވަރު މުބާރާތުގެ ބާސްކެޓު ބޯޅައި ފިރިހެން އިވެންޓުގެ ސެމީ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން، އެމެރިކާ ޖާގަ ހޯދައިފިއެވެ.

އެމެރިކާ ސެމީ ފައިނަލުން ޖާގަހޯދީ ކުއާޓަރ ފައިނަލުގައި ސްޕެއިންއާ ބައްދަލުކޮށް 95 ޕޮއިންޓް 81 ޕޮއިންޓުން ކުރި ހޯދައިގެންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ދެވަނަ ކުއާޓަރގައި ސްޕެއިންއިން އެގާރަ ޕޮއިންޓްގެ ލީޑެއް ނެގިއެވެ. މިގޮތުން 40 ޕޮއިންޓް 29 ޕޮއިންޓުން ސްޕެއިން މި ލީޑު ނެގުމުގައި ރިކީ ރޫބިއޯގެ ފަރާތުން ފެނިގެންދިޔަ މޮޅުކުޅުމާއި ވަރުގަދަ ޑިފެންސް ފާހަގަވެގެންދިޔައެވެ. ނަމަވެސް ދެވަނަ ކުއާޓަރ ނިމުމުގެ ކުރިން އެމެރިކާއިންވަނީ 43 ޕޮއިންޓް 43 ޕޮއިންޓުން ހަމަހަމަކޮށްފައެވެ. އަދި ތިންވަނަ ކުއާޓަރގައި އެމެރިކާއިން ލީޑު ނަގާ މެޗުގެ ކޮންޓްރޯލް އަތުލިއެވެ
.
މި މެޗުގައި އެމެރިކާ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 29 ޕޮއިންޓް ހޯދާދިން ކެވިން ޑުރާންޓްއެވެ. އަދި ސްޕެއިންއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 38 ޕޮއިންޓް ހޯދާދިން ރޫބިއޯއެވެ. އެމެރިކާ ސެމީ ފައިނަލްގައި ބައްދަލުކުރާނީ އާޖެންޓީނާއާއި އޮސްޓްރޭލިއާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

މި މުބާރާތުގައި ސްލޮވީނިއާއާއި ޖަރުމަނުވިލާތް ބައްދަލުކުރި ކުއާޓަރ ފައިނަލް މެޗު 94 ޕޮއިންޓް 70 ޕޮއިންޓުން ކާމިޔާބުކުރީ ސްލޮވީނިއާއެވެ. މި މެޗުގައި ސްލޮވީނިއާގެ ތަރިއަކަށްވީ ލޫކާ ޑޮންޗިޗްއެވެ. ސްލޮވީނިއާ ސެމީފައިނަލްގައި ބައްދަލުކުރާނީ އިޓަލީވިލާތް ބަލިކުރި ފަރަންސޭސިވިލާތުގެ ޓީމާއެވެ. އެ މެޗު ފަރަންސޭސި ޓީމު ކާމިޔާބުކުރީ 84 ޕޮއިންޓް 75 ޕޮއިންޓުންނެވެ.