ޚަބަރު

އަދުހަމާއިއެކު އިއުތިރާފް އެއްބަސްވުމަކަށް، 23 އަހަރުގެ ޖަލުހުކުމެއް


ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މެއިމަހުގެ 6 ވަނަ ދުވަހު ދިން ނިރުބަވެރި ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި އަހުމަދު އަދުހަމް ރަޝީދާއެކު އިއުތިރާފް އެއްބަސްވުމެއް ހަދާފައިވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅޭގޮތުން ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ އަދުހަމްއާއެކު މިހާރު ވެފައިވާ އެއްބަސްވުމުގެ ދަށުން އޭނާގެ މައްޗަށް 4 ދައުވާއެއް އުފުލިގެންދާނެކަމަށެވެ. އަދުހަމަށް ދައުލަތުން ކުރާ ދައުވާތަކަކީ ޓެރަރިޒަމްގެ އަމަލެއް ކުރުން، ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުން، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލަން އުޅުން އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާއެވެ.

ޕީޖީ ވިދާޅުވީ މިމައްސަލައިގައި އަދުހަމްއާއެކު އެއްބަސްވުން ހެދުމުން އޭނާގެ މައްޗަށް އަންނަ 37 އަހަރުގެ ހުކުމް 23 އަހަރަށް ކުޑަވެގެން ދާނެކަމަށެވެ. އޭނާއަށް އުފުލި ދައުވާތަކުގެ ތެރެއިން އިއުތިރާފް އެއްބަސްވުމުގެ ތެރެއިން ކުރިއަށް ނުގެންދާނީ ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާ ކަމަށް ޕީޖީ ވިދާޅުވިއެވެ.

ޕީޖީ ވިދާޅުވީ އިއުތިރާފް އެއްބަސްވުން ހެދެނީ ޖިނާއީ އިޖުރައާތުގެ ޤާނޫގެ ދަށުން ކަމަށެވެ. ޤާނޫނުގެ ތެރެއިން އެއްބަސްވުން ހަދާއިރު، ކުށްވެރިއާއެކު ވެވޭނެ އެއްބަސްވުންތައް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އަދުހަމްއާއެކު އެއްބަސްވެފައިވަނީ ޤާނޫނުގެ ތެރެއިން ކަމަށް ޕީޖީ ވިދާޅުވިއެވެ.

އަދުހަމް ހައްޔަރުކޮށްފައިވަނީ ހަމަލާދިންތާ ދެ ދުވަސް ފަހުން ހުޅުމާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓުންނެވެ. އޭނާ ހައްޔަރުކުރިއިރު ވަނީ ސިފަ ބަދަލު ކުރުމަށްވެސް މަސައްކަތް ކޮށްފައެވެ.