ޚަބަރު

" އޮޑިޓް ރިޕޯޓްތައް ދަނީ ޚާއްސަ ކޮމިޓީއަކުން ދިރާސާކުރަމުން "


އޮޑިޓަރ ޖެނެރަލް
ނެރުއްވާ ރިޕޯޓްތައް ރިވިއު ކުރެއްވުމަށް ޚާއްސަ ކޮމިޓީއެއް އެކުލަވާލައްވައިގެން
މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދު
ވިދާޅުވެއްޖެއެވެ.



އައްޑޫސިޓީގައި އޮތް
ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ ވޭތުވެދިޔަ
ދުވަސްތަކުގައި އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ ރިޕޯޓްތަކާމެދު ފިޔަވަޅު އަޅާފައި
ނުވާކަން ގިނަ ފަރާތްތަކުން ފާހަގަ ކުރައްވަމުން ގެންދަވާ ކަމަށާއި، އެހެން
ނަމަވެސް އެމަސައްކަތް މިހާރު ފިނޭންސް މިނިސްޓްރީގެ ތެރެއިން
އެކުލަވާލައްވާފައިވާ ޚާއްސަ ކޮމިޓީއިން ކުރައްވަމުން ގެންދަވާކަމަށެވެ. 

އެގޮތުން
އޮޑިޓް ރިޕޯޓްތަކުގައި ހިމަނުއްވާފައިވާ ކަންކަމަށް އެޅުއްވަންހުރި
ފިޔަވަޅުތަކާމެދު އެކޮމިޓީން ގޮތެއް ނިންމަވައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން
އެމަސައްކަތް ކުރައްވަމުން ގެންދަވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 



ޕީ.އެސް.އެމްއަށް
ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔާތު ވިދާޅުވީ
އޮޑިޓަރ ޖެނެރަލް ނެރުއްވާ ރިޕޯޓްތަކުގައި ހިމަނުންވާފައިވާ ކަންކަމުގެ ތެރެއިން
ފިޔަވަޅު އަޅުއްވަންޖެހޭ ކަންކަމުގައި، ދައުލަތުގެ މުއައްސަސާތަކުން އޮޑިޓަރ
ޖެނެރަލްއާ މަޝްވަރާ ކުރައްވަމުން ގެންދަވާކަމަށާއި، އެއީ އޮޑިޓް ރިޕޯޓްތަކުގައި
ހިމަނުންވާފައިވާ ކަންކަމުގައި ފިޔަވަޅު އެޅުއްވުމުގެ މަސައްކަތް
ފައްޓަވާފައިވާކަމުގެ ހެއްކެއްކަމަށެވެ.