ޚަބަރު

ސައުދީ ކޭމްޕްގައި ކުޅުނު އެކުވެރިކަމުގެ ފުރަތަމަ މެޗް މާޒިޔާ ކާމިޔާބުކޮށްފި


މާޒިޔާއިން ސައުދީގައި ކުރަމުންދާ ކޭމްޕްގައި އެޓީމް ކުޅުނު އެކުވެރިކަމުގެ ފުރަތަމަ މެޗް ކާމިޔާބުކޮށްފިއެވެ.

މާޒިޔާއިން ސައުދީގައި ކޭންޕް ކުރަމުންދަނީ މިމަހު ފެށުމަށް ހަމަޖެހިފައިވާ އޭއެފްސީ ކަޕްގެ މެޗްތަކަށެވެ. އޭއެފްސީ ކަޕްގައި ދެކުނު އޭޝިޔާއަށް ޚާއްސަ ގުރޫޕްގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ މާލޭގައެވެ.

މާޒިޔާއިން ސައުދީގައި ކޭމްޕްގައި ކުރަމުންދާއިރު، އެޓީމް ކުޅުނު ފުރަތަމަ މެޗްގައި ބައްދަލުކޮށްފައިވަނީ ސައުދީ އަރަބިއްޔާގެ އަލް އިއްތިހާދުގެ 19 އަހަރުން ދަށުގެ ޓީމާއެވެ. މިމެޗް މާޒިޔާ ކާމިޔާބުކޮށްފައިވަނީ 2 ލަނޑު 1 ލަނޑުންނެވެ. މިމެޗްގައި މާޒިޔާއިން ފަހަތުން އަރާ ޖެހި ދެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސެއިން ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އާއި ނާއިޒު ހަސަން (ދާދު)އެވެ.

މާޒިޔާއިން ސައުދީގައި ކޭމްޕް ކުރަމުންދާއިރު، އެޓީމުން އެގައުމުގައި އެކުވެރިކަމުގެ 3 މެޗް ކުޅުމަށްވަނީ ހަމަޖެހިފައެވެ. ސައުދީގައި މާޒިޔާއިން 10 ދުވަހު ތަމްރީންތައް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. ދެކުނު އޭޝިޔާއަށް ޚާއްސަ ގުރޫޕް، ގުރޫޕް ޑީގައި ހިމެނެނީ މާޒިޔާގެ އިތުރުން ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އާއި ބަންގްލަދޭޝްގެ އޭޓީކޭ މޯހަން ބަގާންއެވެ. މި ގުރޫޕްގެ ފަހު ޖާގަ ލިބޭނީ ރާއްޖޭގެ ކުލަބް އީގަލްސް އާއި އިންޑިޔާގެ ބެންގަލޫރު އެފްސީ ބައްދަލުކޮށް މޮޅުވާ ޓީމަކަށެވެ.