ދުނިޔޭގެ ވިޔަފާރި

އީޔޫ އެޖެންސީއަކުން އެމެޒޯން ބޮޑު ޢަދަދަކުން ޖޫރިމަނާކޮށްފި


އެމެޒޯންގެ އިޝްތިހާރެއްގައި ޔޫރަޕިއަން ޔޫނިއަންގެ ޑާޓާތައް ރައްކާތެރިކުރުމުގެ ޤާނޫނާއި ޚިލާފުވެފައިވާކަމަށް ބުނެ އީޔޫގެ އެޖެންސީއަކުން 887 މިލިއަން އެމެރިކާ ޑޮލަރުން އެމެޒޯން ޖޫރިމަނާކޮށްފިއެވެ.

ހުކުރު ދުވަހު އެމެޒޯންއާއި ދެކޮޅަށް މި ޖޫރިމަނާ ކޮށްފައިވަނީ ލަކްޒަމްބާރގްގެ ޕްރައިވެސީ ރެގިއުލޭޓަރ އިންނެވެ.
ޖޫރިމަނާގެ އިތުރުން އެމެޒޯންގެ ވިޔަފާރިއާއި ބެހޭ ބައެއް އުޞޫލުތައް އަލުން މުރާޖައާ ކުރުމަށްވެސް ލަކްޒަމްބާރގްގެ ނޭޝަނަލް ކޮމިޝަން ފޯރ ޑާޓާ ޕްރޮޓެކްޝަނުން ވަނީ ބުނެފައެވެ.

ނަމަވެސް ލަކްޒަމްބާރގްގައި ހުންނަ ޔޫރަޕްގެ އެމެޒޯން ހެޑްކުއާޓަރުން މިކަމާއި ދެކޮޅު ހަދައެވެ. އަދި ކުންފުނިން ޤާނޫނާއި ޚިލާފު އެއްވެސް ކަމެއް ނުކުރާކަމަށް އެމެޒޯންއިން ބުނެއެވެ. މީގެއިތުރުން ކުންފުނިން އެންމެ އިސްކަމެއްގެ ދީގެން ކުރާ ކަމަކީ ކަސްޓަމަރުންގެ ރައްކާތެރިކަމާއި އިތުބާރު ހޯދުން ކަމަށްވެސް އެމެޒޯންގެ ސްޕޯކްސް ޕާރސަން ބުނެއެވެ. އަދި އެއްވެސް ކަސްޓަމަރެއްގެ މަޢުލޫމާތެއް ހާމަކޮށްފައި ނުވާނެކަމަށްވެސް އެމެޒޯންއިން ބުނެއެވެ. މިކަމާއިގުޅިގެން ލަކްޒަމްބާރގުގެ ޑާޓާ އޮތޯރިޓީން އަދި އެއްވެސް އެއްޗެއް ހާމައެއްނުކުރެއެވެ.

އީޔޫގެ ޖެނެރަލް ޑާޓާ ޕްރޮޓެކްޝަން ރެގިޔުލޭޝަން (ޖީޑީޕީއާރް) ގެ ދަށުން މި ޖޫރިމަނާ ކޮށްފައިވާއިރު މިއީ ތިން އަހަރުވީ އެ ޤާނޫނުގެ ދަށުން މިހާތަނަށް ކޮށްފައިވާ އެންމެ ބޮޑު ޢަދަދެއްގެ ޖޫރިމަނާއެވެ. މީގެކުރިން އެ ޤާނޫނުގެ ދަށުން 50 މިލިއަން ޑޮލަރަށް ގޫގްލްވަނީ ޖޫރިމަނާކޮށްފައެވެ.

ޖީޑީޕީއާރްގެ ދަށުން އަހަރަކަށް ކުންފުންޏަށް ލިބޭ ޢާމްދަނީގެ 4 އިންސައްތަ ނުވަތަ 20 މިލިއަން ޕައުންޑާއި ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ.