ޚަބަރު

25 އަހަރަށް ފަހު އޮލިމްޕިކްސް ބެޑްމިންޓަންގެ ސިންގަލްސް ޗެމްޕިއަންކަން ޔޫރަޕްގެ ކުޅުންތެރިއަކަށް


ފަންސަވީސް އަހަރަށް ފަހު އޮލިމްޕިކްސްގެ ބެޑްމިންޓަންގެ ސިންގަލްސް ޗެމްޕިއަންކަން ޔޫރަޕްގެ ކުޅުންތެރިއަކަށް ލިބިއްޖެއެވެ.

މިހާރު ކުރިއަށްދާ އޮލިމްޕިކްސް ބެޑްމިންޓަންގެ ސިންގަލްސްގެ ޗެމްޕިއަންކަން ޑެންމާކްގެ ވިކްޓަރ އެލެކްސެން ހޯދީ އެންމެ ފަހުގެ ޗެމްޕިއަން ޗައިނާގެ ޗެން ލޯންގް ސީދާ ދެ ސެޓުން ބަލިކުރުމަށްފަހުއެވެ. ފައިނަލް މެޗްގެ ސެޓްތައް އެލެކްސެން ގެންދިޔައީ 21-15 އަދި 21-12އިންނެވެ.

މިމެޗްގައި އެލެކްސެންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. ޚާއްސަކޮށް އޭނާގެ އެޓޭކް އާއި ޑިފެންސްގެ މޮޅު ކުޅުން މިމެޗްގައި ވަރަށް ބޮޑަށް ފެނިގެންދިޔައެވެ. އެންމެ ފަހުގެ ޗެމްޕިއަން ޗައިނާގެ ޗެންއަށް މިމެޗްގައި ޕްރެޝަރ ބޮޑުކޮށް އެލެކްސެން ދިޔައީ ޕޮއިންޓަކަށް ފަހު ޕޮއިންޓެއް ހޯދަމުންނެވެ. ނަތީޖާއެއްގެ ގޮތުން ޗެންއަށް ފައިނަލް މެޗްގައި އޭނާގެ މޮޅު ކުޅުން ދެއްކޭ ގޮތެއް ނުވިއެވެ. 

ފާއިތުވި 25 އަހަރު ދުވަހުގެ ތެރޭގައި އޮލިމްޕިކްސްގެ ގޯލްޑް މެޑަލް އޭޝިޔާގެ ކުޅުންތެެރިން ކާމިޔާބުކުކުރިއިރު މިފަހަރުގެ ބެޑްމިންޓަން ސިންގަލްސް ގޯލްޑް މެޑަލް ޔޫރަޕްގެ ކުޅުންތެރިއެއްކަމަށްވާ އެލެކްސެން ކާމިޔާބުކުރުމުން ގިނަ ބަޔަކު ދަނީ އޭނާއަށް މަރުހަބާ ކިޔަމުންނެވެ.

މިމުބާރާތުގެ 4ވަނައަށް ސީޑް ކުރެވިފައިވާ އެލެކްސެން ބުނީ މެޗްގެ ގޯލްޑް މެޑަލް ޕޮއިންޓް ކާމިޔާބު ކުރެވުމުން، އެންމެ ފުރަތަމަ ހުރީ ހުއްޓުންއަރާފަކަމަށާއި އުފާ ކުރަންވީ ކަމެއް ނުވަތަ ރޯންވީކަންވެސް ހުރީ ނޭނގިފަކަމަށެވެ. އަދި މިއީ ބެޑްމިންޓަންގެ ކެރިއަރުގައި އެންމެ އުފާވި އަދި އެންމެ ދެކެން ބޭނުންވި ދުވަސްކަމަށްވެސް 27 އަހަރުގެ އެކެލްސެން ބުންޏެވެ. ބެޑްމިންޓަންގެ ސިންގަލްސްގެ ބްރޯންޒް މެޑަލް ލިބުނީ އިންޑޮނޭޝިޔާގެ އެންތޮނީއަށެވެ.