ޚަބަރު

ސްޕަރސްގެ ޓްރެއިނިންގްއަށް ކޭން ހާޒިރު ނުވުމުން އޭނާގެ މުސްތަގްބަލާ މެދު ސުވާލު އުފެދިއްޖެ


އިންގްލިޝް ޕްރިމިއަރ ލީގުގެ ޓޮޓްނަމް ހޮޓްސްޕަރ އަށް ކުޅޭ އިންގްލަންޑްގެ ކެޕްޓަން ހެރީ ކޭން ޗުއްޓީއަށްފަހު ސްޕަރސްގެ ޓްރެއިންގ ދަނޑަށް ހާޒިރުވާން ޖެހޭ ފުރަތަމަ ދުވަހު ހާޒިރުނުވުމުން އޭނާގެ މުސްތަގްބަލާމެދު ސުވާލު އުފެދިއްޖެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މާދަމާ ފަރިތަކުރުންތައް ފެށުމުގެ ކުރިން ކޮރޯނާ ވައިރަސްއަށް ޓެސްޓް ހަދަން ޖެހެއެވެ. ނަމަވެސް ކޭން އިއްޔެ ދަނޑަށް ހާޒިރު ނުވުމުން އެކަން ވާގޮތްވަނީ ނުވެފައެވެ. ޔޫރޯގައި ވާދަކުރި އިންގްލަންޑް ޓީމަށް ކުޅެފައިވާތީ ތިން ހަފްތާގެ ޗުއްޓީއެއް ހޭދަކުރުމަށްފަހު އިއްޔެއަކީ އޭނާ ޓްރެއިނިންގ ދަނޑަށް ހާޒިރު ވާންޖެހޭ ދުވަހެވެ. މިކަމާއި ގުޅިގެން ސްޕަރސްއިން އަދި ވަކިއެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ކޭން ވަނީ ކްލަބް ދޫކޮށްދިއުމާއި ގުޅޭގޮތުން ސްޕަރސްގެ ވެރިންނާއެކު އެއްބަސްވުމަކަށް އައިސްފައެވެ. ކޭން ބޭނުންވީ ޔޫރޯ ފެށުމުގެ ކުރިން މެންޗެސްޓަރ ސިޓީއަށް ބަދަލުވުމަށެވެ. ނަމަވެސް އެކަން ވާގޮތް ވަނީ ނުވެފައެވެ. އަދިވެސް ސިޓީން އޮތީ ކޭން ގެންދިއުމަށް ޝައުގުވެރިކަން ހުރިކަން ހާމަކޮށްފައެވެ. ސިޓީންވަނީ ވިލާގެ ތަރި ޖެކް ގްރީލިޝް އެޓީމަށް ގެންދިއުމުގެ މަސައްކަތްވެސް ފަށާފައެވެ. އަދި ގްރީލިޝްއަށް ސޮއި ކުރެވިއްޖެނަމަ ކޭން ގެންދިއުމުގެ މަސައްކަތް ސިޓީން ހުއްޓާލަފާނެކަމުގެ އަޑުވެސް މިހާރުވަނީ އަރާފައެވެ. ނަމަވެސް ގްރީލިޝްވަނީ ވިލާގެ ފަރިތަކުރުންތަކަށް އެނބުރި ގޮސްފައެވެ.

ކޭން ސްޕަރސްއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2024 ވަނަ އަހަރުއެވެ. އަދި ސްޕަރސްއިން އޮތީ ކޭން ދޫކޮށްލާގޮތަކަށް ނޫންކަމަށް އެކްލަބްގެ ވާހަކަ ތަކުން ހާމަވެގެންދެއެވެ. އެގޮތުން އެޓީމްގެ އާ ކޯޗް ނޫނޯ އެސްޕިރިޓޯ ސަންޓޯ ހާމަކުރިގޮތުގައި ކޭންއަކީ އެޓީމްގެ ކުޅުންތެރިއެކެވެ. އަދި އެކަމާއި ގުޅޭގޮތުން އިތުރަށް ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށްވެސް އޭނާ ހާމަކުރިއެވެ. އަދި އޭނާ ޓީމާއި ގުޅޭނެ ވަގުތަކަށް އިންތިޒާރު ކުރަމުންދާކަމަށްވެސް ނޫނޯ ހާމަކޮށްފައިވެއެވެ.