ވިޔަފާރި

ކޯވިޑް ނަންބަރުތައް ދަށްވެ، ފަތުރުވެރިކަން ބާރަށް ކުރިއަށް


ކޯވިޑް19 ގެ އަދަދުތައް ރާއްޖޭގައި މިއަހަރުގެ އޭޕްރިލް މަހުން ފެށިގެން އިތުރުވާން ފެށުމާއިއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައް ވަނީ ވަރަށް ބޮޑަށްވެސް ދަށްވެފައެވެ. ނަމަވެސް މިހާރު އަނެއްކާވެސް ކޯވިޑްގެ ނަންބަރުތައް ދަށްވާން ފެށުމާއިއެކު ފަތުރުވެރިންގެ އަދަދުތަކުން ވަނީ އުންމީދީ ނަންބަރުތަކެއް ފެންނަން ފަށާފައެވެ.

ފަތުރުވެރިން އަންނަ އަދަދުތައް އިތުރުވަމުން އަންނައިރު، މިއަހަރުގެ ޖުލައިމަހު ރާއްޖެއަށް 1 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖުލައިމަހު ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ ޖުމްލަ އަދަދަކީ 101،281 އެވެ. މިއީ މިއަހަރުގެ ތެރޭގައި 1 މަހެއްގައި ރާއްޖެއަށް އެއްލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި 2 ވަނަ ފަހަރެވެ. މީގެ ކުރިން 1 ލައްކަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ މާރޗްމަހުއެވެ. އެމަހު ރާއްޖެއަށް އައިސްފައިވަނީ 109،585 ފަތުރުވެރިންނެވެ.

ޖުލައިމަހު އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އައިސްފައިވަނީ އެމަހުގެ 3 ވަނަ ހަފްތާ ތެރޭގައެވެ. އެ ހަފްތާގައި އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 4،102 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އެއްދުވަހެއްގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ އެމަހުގެ އެންމެ ފަހު ދުވަހުއެވެ. އެދުވަހު ރާއްޖެއަށް 4972 ފަތުރުވެރިން އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކައެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް އަނެއްކާވެސް ދިރުން ލިބެން ފަށާފައި މިވަނީ ކޯވިޑް19 ގެ ނަންބަރުތައް ދަށްވެ ސަރުކާރުންވެސް ގިނަ ލުއިތަކެއް ދީފައިވަނިކޮށެވެ. ރާއްޖޭގައި ކޯވިޑްގެ ނަންބަރުތައް ދަށްވާން ފެށުމާއިއެކު ގައުމުތަކުގެ ފެހި ލިސްޓުން ރާއްޖެ ޖާގަ ހޯދައި، ރާއްޖެ އަންނަ ބައިނަލްއަޤްވާމީ އެއަރލައިންތަކުގެ އަދަދުވެސް ވަނީ އިތުރުވާން ފަށާފައެވެ. ކުރިން ރާއްޖެ އަންނައިރު 24 ގަޑިއިރު ހަމަނުވާ ކޯވިޑް19 އަށް ނެގެޓިވް ޕީސީއާރު ނަތީޖާ ގެންނަން ޖެހުނު ނަމަވެސް މިހާރު ލުއިދީ މި މުއްދަތު ވަނީ 96 ގަޑިއިރަށް ސަރުކާރުން އިތުރުކޮށްދީފައެވެ.

ދެކުނު އޭޝިއާ ގައުމުތަކުން ފަތުރުވެރިން ރާއްޖެ އައުން މަނާކޮށްފައި އޮތުމަށްފަހު އެ ޤައުމުތަކުގެ ފަތުރުވެރިންނަށް ރާއްޖެ ހުޅުވާލުމަކީވެސް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވި ސަބަބެއްކަމަށް ބެލެވެއެވެ. ޖުލައި މަހު ރާއްޖެއަށް 1 ލައްކައަށްވުރެ ގިނަ ފަތުރުވެރިން އައުމަކީ އަހަރުގެ ކުރިއަށްއޮތް ތަނުގައިވެސް ރާއްޖެއަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމުގެ ނިޝާނެކެވެ.