ޚަބަރު

"މުޝީ" ބްރޭންޑުގެ ތަށިތަކެއް ބޭނުން ނުކުރަން އަންގައިފި


ކުޑަކުދިންނަށް ކާބޯތަކެތި އެޅުމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ "މުޝީ" ބްރޭންޑްގެ ތަށިތައް ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަންގައިފިއެވެ.

"މުޝީ" ބްރޭންޑްގެ ސިިކޯން ސަކްޝަން ޕްލޭޓާއި ސިލިކޯން ސްނެކް ކަޕު ބޭނުން ނުކުރުމަށް އެމްއެފްޑީއޭއިން އަންގާފައިވަނީ އެ ތަށިތަކަށް ކާބޯތަކެތި އެޅުމުން ކާބޯތަކެއްޗަށް ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު އޮތް ކަމަށް ބެލެވޭތީއެވެ.

އެމްއެފްޑީއޭއިން ވިދާޅުވީ "މުޝީ" ބްރޭންޑުގެ ސިިކޯން ސަކްޝަން ޕްލޭޓާއި ސިލިކޯން ސްނެކް ކަޕް ރާއްޖެ އަށް އެތެރެކޮށްފައިވާ ކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑުން އަންގާފައިވާތީ އެ އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް ގެއްލުންވާނެ މިންވަރު ބެލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

އެހެންކަމުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވަކި ގޮތެއް އަންގަންދެން އެ ތަކެތި ބޭނުން ނުކުރުމަށާއި ނުވިއްކުމަށް އެމްއެފްޑީއޭއިން ވަނީ އަންގަވާފައެވެ.