ޚަބަރު

ބެންޗިޗް ރަން މެޑަލް ހޯދިއިރު ޖޯކޮވިޗް ހުސްއަތާ


ޖަޕާންގެ ވެރިރަށް ޓޯކިޔޯގައި މިހާރު ކުރިއަށްދާ އޮލިމްޕިކް ކުޅިވަރު މުބާރާތުގެ އަންހެން ޓެނިސް އިވެންޓްގެ ރަން މެޑަލް ސްވިޓްޒަލަންޑްގެ ބެލިންޑާ ބެންޗިޗް ހޯދައިފިއެވެ. އޭނާ މިމުބާރާތް ކާމިޔާބުކުރީ ފައިނަލްގައި ޗެކް ރިޕަބްލިކްގެ މާކެޓާ ވޮންޑްރޮއުސޯވާ އާއި ބައްދަލުކުރިމެޗް ދެ ސެޓް އެއް ސެޓުން ކާމިޔާބުކޮށްގެންނެވެ.

ފައިނަލްމެޗް ބެންޗިޗް ކާމިޔާބުކުރީ ހަތެއް ފަހެއް، ދޭއް ހައެއް އަދި ހައެއް ތިނަކުންނެވެ. މިކާމިޔާބީއާއެކު ބެންޗިޗް ވަނީ ރޮޖަރ ފެޑެރަރ އާއި ސްޓޭން ވަވްރިންކާ އާއި މާކް ރޮސެތް އާއެކު އޮލިމްޕިކްސްއިން ރަން މެޑަލް ހާސިލް ކުރި ސްވިޓްޒަލަންޑްގެ ޓެނިސް ކުޅުންތެރިންގެ ލިސްޓަށް އަރާފައެވެ. ދުނިޔޭގައި 12 ވަނައަށް ރޭންކް ކުރެވިފައިވާ ބެންޗިޗްއަށް މިމެޗް ވެގެންދިޔައީ ވަރަށް އުނދަގޫ އަދި އެހާމެ ވާދަވެރި މެޗަކަށެވެ. އަދި މިމެޗް ދެ ގަޑިއިރާއި ތިރީސް މިނެޓަށް ދެމިގެންދިޔައެވެ. އަންހެނުންގެ ސިންގަލްސް އިވެންޓުން ތިންވަނަ ހާސިލް ކުރީ ޔޫކްރެއިންގެ އެލީނާ ސްވިޓޮލީނާ އާއެވެ. އޭނާ މިމެޗް ކާމިޔާބުކުރީ ކަޒިކިސްތާންގެ އެލޭނާ ރީބަކީނާ އާއި ބައްދަލުކުރިމެޗް އެކެއް ހައެއް، ހަތެއް ހައެއް އަދި ހައެއް ހަތަރަކުން ކާމިޔާބުކޮށްގެންނެވެ.

މިމުބާރާތުގެ ފިރިހެނުންގެ ބައިން ދުނިޔޭގެ އެއްވަނަ ފިރިހެން ކުޅުންތެރިޔާ ސަރބިއާގެ ނޯވަކް ޖޯކޮވިޗް މުބާރާތް ނިންމާލަން ޖެހުނީ އެއްވެސް މެޑަލް އެއް ކާމިޔާބު ނުކުރެވި ހުސްއަތާއެވެ. މުބާރާތް ފެށުމުގެ ކުރިން މިމުބާރާތުން ރަން މެޑަލް ހާސިލްކޮށް އަދި މިއަހަރު ގޯލްޑަން ސްޅޭމެއް ހަދާނެކަމަށް ގިނަ ބަޔަކު ބުނަމުން ދިޔަ ނަމަވެސް މިފަހަރުގެ މުބާރާތް ދިޔައީ ޖޯކޮވިޗް އެންމެ ހތްހަމަ ޖެހޭ ގޮތަކަށް ނޫނެވެ. މިގޮތުން މުބާރާތް ފެށުމާއެކު މެޗް ކުޅެމުންދިޔަ ވަގުތުގެ ސަބަބުން ޓެނިސް ކުޅުންތެރިންނަށް ހޫނު ގަދަވުމުގެ ޝަކުވާ އުފުލަން ޖެހުމުގެ އިތުރުން ސެމީފައިނަލްގައި ޖަރުމަނުވިލާތުގެ އެލެގްޒެންޑަރ ޒްވަރޭވްއަތުން ވަނީ ބަލިވެފައެވެ.

އަދި ތިންވަނަ ހޮވިމެޗްގައި ސްޕެއިންގެ ޕަބްލޯ ކަރޭނޯ ބުސްޓާ އާއި ބައްދަލުކުރިމެޗް ދެސެޓް އެއްސެޓުން ކާމިޔާބުކުރީ ކަރޭނޯ ބުސްޓާއެވެ. އެއީ ހައެއް ހަތަރެއް، ހައެއް ހަތެއް އަދި ހައެއް ތިނަކުންނެވެ. އަދި ޖޯކޮވިޗްވަނީ މިކްސް ޑަބަލްސްއިން ތިންވަނަ ހޮވަން ކުޅެން އޮތް މެޗުން ކޮޑަން އަނިޔާވުމުގެ ސަބަބުން ވަކިވެފައެވެ.

ޖޯކޮވިޗްގެ ކޮޑަށް ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް އަދިވަނީ ސާފުވާގޮތް ނުވެފައެވެ. އަދި ގޯލްޑަން ސްލޭމް ނުހެދުނު ނަމަވެސް އަހަރުގެ ހަތަރު ގްރޭން ސްލޭމް މުބާރާތް ކާމިޔާބު ކުރުމުގެ ފުރުސަތު އަދި އޭނާއަށް އެބައޮތެވެ. އެއި މިހާތަނަށް ކުޅުނު ތިން މުބާރާތް ކާމިޔާބުކޮށްފައިވުމާއެކު އެންމެފަހު މުބާރާތް ކަމަށްވާ ޔޫއެސް އޯޕަން ކާމިޔާބު ކުރުން އެންމެ ގާތް ކުޅުންތެރިޔަކީ އޭނާކަމަށްވުމުންނެވެ.