ޚަބަރު

ފިރިހެން ޓެނިސް އިވެންޓުގެ ރަން މެޑަލް ޒްވަރޭވް ހޯދައިފި


ޖަޕާންގެ ވެރިރަށް ޓޯކިޔޯގައި މިހާރު ކުރިއަށްދާ އޮލިމްޕިކް ކުޅިވަރު މުބާރާތުގެ ފިރިހެން ޓެނިސް އިވެންޓްގެ ރަން މެޑަލް ޖަރުމަނުވިލާތުގެ އެލެގްޒެންޑަރ ޒުވަރޭވް ހޯދައިފިއެވެ. އޭނާ މިމުބާރާތުގެ ރަން މެޑަލް ހޯދީ ފައިނަލްގައި ރަޝިޔާގެ ކަރެން ޙަޗަނޯވް އާއި ބައްދަލުކުރިމެޗް ސީދާ ދެސެޓުން ކާމިޔާބުކޮށްގެންނެވެ.

އޭނާ މިމެޗް ކާމިޔާބުކުރީ ހައެއް އެކެއް އަދި ހައެއް ތިނަކުންނެވެ. މިމެޗް ފެށުނީއްސުރެ ޒްވަރޭވް ދިޔައީ ޙަޗަނޯވް އަށް ޕްރެޝަރ ކުރަމުންނެވެ. އަދި ނަތީޖާއަކަށްވީ ޙަޗަނޯވްއަށް މިމެޗްގައި ހަމަޖެހިލާނެ އެންމެ ފުރުސަތެއްވެސް ނުދީ ޒްވަރޭވް ފައިނަލް މެޗް އެއް ގަޑިއިރާއި 19 މިނެޓުން ކާމިޔާބު ކުރުމެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ޒްވަރޭވް ހާމަކުރިގޮތުގައި މިކާމިޔާބީ ކުޅިވަރުގެ އެހެން ހުރހާ ކާމިޔާބީތަކަށްވުރެ ބޮޑު ކަމަށެވެ. މިއީ އަމިއްލަ ކުޅުމުގެ އިތުރުން ޣައުމު ތަމްސީލް ކުރާ މުބާރާތެއް ކަމުން މިކާމިޔާބީގެ އުފާ މާބޮޑަށްވެސް އިތުރު ވެފައިވާކަމަށެވެ. މިހާތަނަށް ގްރޭން ސްލޭމް މުބާރާތެއް ކާމިޔާބު ކުރެވިފައިނުވާ ޒްވަރޭވްއަކީ މިވަގުތު ދުނިޔޭގައި ފަސްވަނައަށް ރޭންކް ކުރެވިފައިވާ ކުޅުންތެރިޔާއެވެ. އޭނާ ފައިނަލަށް ދަތުރުކުރީ ސެމީފައިނަލްގައި ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ ނޯވަކް ޖޯކޮވިޗް ބަލިކުރުމަށްފަހުއެވެ.

މިމުބާރާތުގެ އަންހެން ޑަބަލްސް ބައިގެ ޗެމްޕިއަންކަން ހޯދީ ޗެކް ރިޕަބްލިކްގެ ބާބޮރާ ކްރެޗިކޯވާ އާއި ކަޓެރީނާ ސިނިއަކޯވާއެވެ. މިދެކުޅުންތެރިން މިބައިން ރަން މެޑަލް ހާސިލް ކުރީ ފައިނަލްގައި ސްވިޓްޒަލަންޑްގެ ބެލިންޑާ ބެންޗިޗް އާއި ވިކްޓޯރިއާ ގޮލުބިޗް އާއި ބައްދަލުކުރިމެޗް ސީދާ ދެސެޓުން ކާމިޔާބުކޮށްގެންނެވެ. އެއީ ހަތެއް ފަހެއް އަދި ހައެއް އެކަކުންނެވެ. މިކާމިޔާބީއާއެކު މިފަހަރުގެ އޮލިމްޕިކްސްގައި ބެންޗިޗްއަށް ދެވަނަ ރަންމެޑަލްއެއް ހާސިލް ކުރުމަށް ލިބުނު ފުރުސަތު މިވަނީ ގެންލިގެން ގޮސްފައެވެ. އޭނާވަނީ އަންހެންނުންގެ ސިންގަލްސް ބައިން ރަން މެޑަލް ހާސިލް ކޮށްފައެވެ. ބާބޮރާ އާއި ސިނިއަކޯވާ ވެގެން ގޮސްފައިވަނީ 1993 ވަނަ އަހަރު ޗެކްރިޕަބްލިކް މިނިވަން ޤައުމަކަށް ވި ފަހުން އޮލިމްޕިކްސްގައި ރަންމެޑަލް ހޯދި އެޤައުމުގެ ފުރަތަމަ އެތުލީޓުންނަށެވެ. މިދެކުޅުންތެރިންވަނީ މިއަހަރުގެ ފްރެންޗް އޯޕަންގެ ޗެމްޕިއަންކަންވެސް ހޯދާފައެވެ.