ޚަބަރު

އޮލިމްޕިކްސް ފިރިހެން ފުޓްބޯޅައިގެ ސެމީފައިނަލުން ސްޕެއިން ޖާގަހޯދައިފި


ޖަޕާންގެ ވެރިރަށް ޓޯކިޔޯގައި މިހާރު ކުރިއަށްދާ އޮލިމްޕިކް ކުޅިވަރު މުބާރާތުގެ ފިރިހެން ފުޓްބޯޅަ އިވެންޓްގެ ސެމީފައިނަލުން ސްޕެއިން ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ސެމީފައިނަލުން ސްޕެއިން ޖާގަހޯދީ ކްއާޓަރ ފައިނަލްގައި ކޯޓަޑިއުއަރ އާއި ބައްދަލުކުރިމެޗް ފުރިހަމަ ވަގުތު ހަމަވިއިރު 2 ލަނޑު 2 ލަނޑުން ދެޓީމް އެއްވަރުވުމުން އިތުރު ވަގުތު ކުޅެ 5 ލަނޑު 2 ލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 10 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ ކޯޓަޑިއުއަރއެވެ. މިލަނޑު އެޓީމަށް ޖަހާދިނީ އެރިކް ބެއިލީއެވެ. މިމެޗްގައި ސްޕެއިންގެ ފުރަތަމަ ލަނޑު މެޗްގެ 30 ވަނަ މިނެޓްގައި ޖަހާދިނީ ޑެނިއެލް އަލްމޯއެވެ. މިމެޗްގައި ކޯޓަޑިއުއަރ އިން ޖެހި ދެވަނަ ލަނޑާއެކު މިމެޗުން އެތީމް މޮޅުވާނެކަމަށް ގިނަ ބަޔަކަށް ގަބޫލް ކުރެވުނެވެ. ކޯޓަޑިއުއަރގެ މިލަޏޑު މެޗްގެ 91 ވަނަ މިނެޓްގައި ޖަހާދިނީ މެކްސް އެލެއިން ގްރަޑެލް އެވެ. ނަމަވެސް މިލަނޑު ޖެހިތާ ދެމިނެޓް ފަހުން ސްޕެއިންގެ ރަފާ މީރު ޖަހާދިން ލަނޑާއެކު މެޗްގެ ނަތީޖާ ހަމަހަމަވެ އިތުރު ވަގުތުގެ ދެހާފް ކުޅޭން ޖެހުނެވެ.

މިމެޗްގައި ސްޕެއިންއިން ފުރަތަމަ ފަހަރަށް ލީޑު ނެގީ މެޗްގެ 98 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން މިކެލް އޮޔަރްޒަބާލް ޖަހާދިން ލަނޑުންނެވެ. މިމެޗްގައި ސްޕެއިންގެ ހަތަރުވަނަ ލަނޑު މެޗްގެ 117 ވަނަ މިނެޓްގައި ޖަހާދިނީ ދެވަނަ ލަނޑުވެސް ޖަހާދިން މީރުއެވެ. އަދި މެޗްގެ 121 ވަނަ މިނެޓްގައި ރަފާ މީރުވަނީ އިތުރު ލަނޑެއް ޖަހާ މިމެޗްގައި ހެޓްރިކެއްވެސް ހަދާފައެވެ.

މިކާމިޔާބީއާއެކު މިމުބާރާތުގެ ސެމީފައިނަލުން ސްޕެއިން ޖާގަހޯދާފައިވާއިރު ސެމިފައިނަލްގައި ސްޕެއިން ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ޖަޕާން އާއެވެ. މިމުބާރާތުގެ ސެމީފައިނަލުން ޖަޕާން ޖާގަހޯދީ ކްއާޓަރ ފައިނަލްގައި ނިއުޒީލަންޑާއި ބައްދަލުކުރިމެޗް ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވި އިރުވެސް ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތް ނުވުމުން ޕެނަލްޓީ ޖަހައިގެން 4 ލަނޑު 2 ލަނޑުންނެވެ.