ޓެކްނޮލޮޖީ

އިންޓަރނެޓްގެ ޚިދުމަތާމެދު ހުރި ކަންބޮޑުވުންތަކާ ޝަކުވާތައް ހިއްސާކުރުމަށް ހޮޓްލައިނެއް


އިންޓަރނެޓްގެ ޚިދުމަތާމެދު އާއްމުންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާ ހުށަހެޅުމަށް ޚާއްސަ ހޮޓްލައިނެއް ޤާއިމުކޮށްފިއެވެ. ސަރުކާރުން ކުރިއަށްގެންދާ ނެޓް ހެޔޮކުރުން މަޝްރޫޢުގެ ދަށުން އިންޓަރނެޓްގެ ޚިދުމަތާމެދު އެއްވެސް ޝަކުވާއެއް އޮތްނަމަ 1515އަށް މިހާރު ގުޅޭނެކަމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ވިދާޅުވެއެވެ.

ޓެކްނޮލޮޖީ މިނިސްޓްރީން ވިދާޅުވީ، 1515 ހޮޓްލައިން ޤާއިމުކޮށްފައިވަނީ މުޢާސަލާތީ ގުޅުމުގެ ތެރޭގައި ހިމެނޭ ރާއްޖޭގައި މުޢާސަލާތީ ޚިދުމަތްދިނުމަށް ފުރުޞަތު ދެވިފައިވާ ފަރާތްތަކުން ފޯރުކޮށްދެމުންދާ ޚިދުމަތަކާގުޅޭގޮތުން ކޮމިއުނިކޭޝަން އޮތޯރިޓީއާއި ހިއްސާކުރަން ބޭނުންވާކަމެއް އޮތްނަމަ، އެކަމެއް ހުށަހެޅުމަށްކަމަށެވެ.

މިހޮޓްލައިން މެދުވެރިކޮށް އިންޓަރނެޓް ޚިދުމަތުގެ އިތުރުންވެސް، ކޮމިއުނިކޭޝަން އޮތޯރިޓީއާ ގުޅުންހުރި ކަންކަމާބެހޭ މަޢުލޫމާތު ހިއްސާކޮށް ކަންކަން އޮޅުންފިލުވޭނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ. އަދި ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީގަޑީގައި މި ހޮޓްލައިން ނަންބަރަށް ގުޅޭނެކަމަށްވެސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.


މިފަދަ ހޮޓްލައިނެއްގެ ސަބަބުން އިންޓަރނެޓުގެ ޚިދުމަތްދޭ ފަރާތާމެދު ދިމާވާ މައްސަލަތަކަށް ކުރިމަގުގައި އަވަސް ހައްލެއް ލިބިގެންދާނެކަމަށް އުއްމީދުކުރާކަމަށް ޓެކްނޮލޮޖީ މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖޭގައި ފޯރުކޮށްދޭ އިންޓަރނެޓްގެ އަގުތަކަށް ސަރުކާރުން ހެޔޮ ބަދަލުތަކެއް ގެންނަވައި، އެކަން އިޢުލާންކުރައްވާފައިވަނީ މިދިޔަމަހުގެ 27 ވަނަ ދުވަހުއެވެ. މިބަދަލުތަކުގެ ތެރެއިން ގޭގެއަށް ފޯރުކޮށްދޭ ރެސިޑެންޝަލް ޕެކޭޖްތަކުގެ އަގު ވަނީ 28 އިންސައްތައާއި 30 އިންސައްތައަށް ކުޑަކޮށްފައެވެ. އަދި ގޭގެއަށް އިންޓަރނެޓް ދެވޭނެ އެންމެ ދަށް ސްޕީޑަކީ 2 އެމްބީޕީއެސްކަމަށްވެސް ސަރުކާރުން ވަނީ ކަނޑައަޅުއްވާފައެވެ. ސަރުކާރުން އިއުލާންކުރެއްވި އައު ސިޔާސަތުގައިވާ ގޮތުން އެންމެ ކުދި ޕެކޭޖްތަކަށްވެސް ތްރޮޓްލް ސްޕީޑް 2 އެމްބީޕީއެސްގައި ލިބޭނެއެވެ. އަދި 300 ރުފިޔާއަށް ވުރެ މަތީގެ ޕެކޭޖްތަކަށް ތްރޮޓްލް ސްޕީޑް 5 އެމްބީޕީއެސްގައި ލިބޭނެއެވެ.

ގޭގެއަށް ދޭ އިންޓަރނެޓް ނުވަތަ އިންޓަރނެޓް ފިކްސްޓް ބްރޯޑް ބޭންޑުގެ ޚިދުމަތުގެ އަގަށް ގެނައި ބަދަލަށް ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޓެލެކޮމް ކުންފުނިތަކުން ވަނީ ޢަމަލުކުރަން ފަށާފައެވެ. ރެސިޑެންޝަލް ޕެކޭޖްތަކުގެ އިތުރުން، މޯބައިލް ބްރޯޑްބޭންޑު ޚިދުމަތުންވެސް އަގު ހެޔޮކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން މޯބައިލް ޑޭޓާ އެލަވަންސް 20 އިންސައްތައަށް ހެޔޮވެގެންދާނެކަމަށާއި، މިބަދަލުތަކަށް އަންނަ އޮކްޓޫބަރުމަހުން ފެށިގެން އަމަލުކުރަމުންދާނޭކަމަށްވެސް ސަރުކާރުން ހާމަކުރައްވާފައިވެއެވެ.