ޚަބަރު

ގްރީލިޝް ގެންދިއުމަށް ސިޓީން 100 މިލިއަން ޕައުންޑްގެ އަގެއް ހުށަހަޅައިފި


އިންގްލިޝް ޕްރިމިއަރ ލީގުގެ ކްލަބް އެސްޓަންވިލާގެ ކެޕްޓަން ޖެކް ގްރީލިޝް ގެންދިއުމަށް އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީން 100 މިލިއަން ޕައުންޑްގެ އަގެއް ހުށަހަޅައިފިއެވެ. މިއީ އިނގިރޭސިވިލާތުގައި ރިކޯޑް އަގެކެވެ.

އާސީޒަނަށް ސިޓީ ވަރުގަދަ ކުރުމަށްޓަކައި ޓީމަށް ގެންދިއުމަށް ކޯޗް ޕެޕް ގާޑިއޯލާ އެންމެ ބޮޑަށް މަސައްކަތް ކުރާ އެއް ކުޅުންތެރިޔަކީ ގްރީލިޝްއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި މިކަމާއި ބެހޭގޮތުން ދެކްލަބްގެ އޮފިޝަލުންގެ މެދުގައި މިހާރުވަނީ ކޮންމެވެސް ވަރަކަށް ވާހަކަތައް ވެސް ފެށިފައެވެ. ސިޓީން މިހުށަހެޅުން ހުށަހަޅާފައިމިވަނީ މިއަންނަ ހަފްތާގައި ވިލާގެ ފަރިތަކުރުންތަކުގައި ބައިވެރިވުމަށް ހަމަޖެހިފައިވަނިކޮށެވެ. ޕެޕް ގަބޫލް ކުރާގޮތުގައި ގްރީލިޝްއަކީ ސިޓީގެ ކުޅުމަށް އިތުރު ފުރިހަމަ ކަމެއް ގެނުވާނެ ކުޅުންތެރިޔެކެވެ. އަދި އޭނާގެ އެހީތެރިކަމާއެކު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ ފުރުސަތުވެސް ބޮޑުވެގެން ދާނެކަމަށް އޭނާ ގަބޫލް ކުރެއެވެ.

ސިޓީން ގްރީލިޝްއަށް ހުށަހެޅި އަގަކީ މެންޗެސްޓަރ ޔުނައިޓެޑުން ޕޯލް ޕޮގްބާއަށް ހުށަހެޅި 89 މިލިއަން ޕައުންޑްގެ އަގަށްވެސް ހިޔަނި އަޅުވާލާވަރުގެ ބޮޑު އަގެކެވެ. އަދި މިކަމުގެ ސަބަބުންވެސް ޕެޕް ގްރީލިޝް އެޓީމަށް ގެންދިއުމަށް ބޭނުންވެފައިވާ މިންވަރު ހާމަވެގެންދެއެވެ. ސިޓީން ގަބޫލް ކުރާގޮތުގައި އެކްލަބުން ހުށަހެޅި އަގަކީ ވިލާއިން ބަލައިގަންނާނެ އަގެކެވެ. އަދި އާސީޒަން ފެށެން ވާއިރަށް ގްރީލިޝް އެކްލަބަށް ގެންދެވޭނެކަމަށްވެސް ސިޓީން އުންމީދު ކުރެއެވެ. 100 މިލިއަން ޕައުންޑްގެ އަގަށް ގްރީލިޝް ސިޓީއަށް ބަދަލުވެއްޖެނަމަ އޭނާ ވެގެންދާނީ 9 ވަނައަށް އެންމެ އަގުބޮޑު ކުޅުންތެރިޔާއަށެވެ. ދުނިޔޭގައި އެންމެ ބޮޑު ޓްރާންސްފަރ ފީއަކަށް ކްލަބް ބަދަލުކޮށްފައިވަނީ 2017 ވަނަ އަހަރު ބާސެލޯނާއިން ޕެރިސް ސެއިންޓް ޖަރމެއިންއަށް ބްރެޒިލްގެ ނޭމާއެވެ. އެއީ 200 މިލިއަން ޕައުންޑެވެ.

ގްރީލިޝްގެ އިތުރުން ޓޮޓްނަމް ހޮޓްސްޕަރގެ ފޯވަޑް ހެރީ ކޭން ގެންދިއުމަށްވެސް ސިޓީން އަންނަނީ މަސައްކަތް ކުރަމުންނެވެ