ޚަބަރު

ޗެންނާއީގަ ތިބި ދަރިވަރުންގެ ހާލު ބަލަމުންދަނީ- ހައިކޮމިޝަން


އިންޑިޔާގެ ޓެމިލްނާޑޫ ސްޓޭޓުގެ ޗެންނާއީއަށް މިހާރު ކުރަމުންދާ
ބޯވިއްސާރައިގައި ފެން ބޮޑުވުމުގެ އަސަރުކޮށްފައިވާ ސަރަހައްދުތަކުގައި ދިރިއުޅޭ
ދިވެހި ކިޔަވާ ކުދިންގެ ޙާލު ވަރަށް ގާތުން ބަލަމުންދާކަމަށް އިންޑިޔާގައި ހުންނަ
ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ހާމަކުރައްވައިފިއެވެ.

އިންޑީޔާގަ ހުންނަ ދިވެހި ހައިކޮމިޝަނުން ވިދާޅުވީ، ޗެންނާއީގެ
އެސް.އާރް.އެމް ޔުނިވަރސިޓީގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާއި ގުޅާ އެ
މީހުންގެ ޙާލު އޮޅުންފިލުވާފައިވާކަމަށެވެ.



އަދި، އެ ޔުނިވަރސިޓީގައި ކިޔަވަމުންދާ ދިވެހި ދަރިވަރުން މިހާރު ރައްކާތެރި ސަރަހައްދެއްގައި
ހުރި ހޮސްޓެލްއަކަށް ބަދަލުވެފައިވާކަމަށްވެސް ހައިކޮމިޝަނުން މައުލޫމާތުދެއެވެ.



ޓެމިލްނާޑޫ ސްޓޭޓަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ޗެންނާއީގެ ގިނަ
ސަރަހައްދުތަކެއްގައި ވަނީ ފެންބޮޑުވެފައެވެ.  



އަދި ވައިގެ އުދުހުންތަކާއި ދަތުރުފަތުރު ކުރުމުގެ ނިޒާމު ވަނީ ހުއްޓުމަކަށް
އައިސްފައެވެ.



މި ވިއްސާރައާއި ގުޅިގެން ހިނގި އެކި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު
މިހާރު ސަތޭކަ އަށްޑިހަ އަށްވުރެ މައްޗަށް އަރާފައިވާއިރު، ހާލުގައި ޖެހިފައިވާ
މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ.