ޚަބަރު

އޮލިމްޕިކްސް ފިރިހެން ފުޓުބޯޅައިގެ ސެމީ ފައިނަލުން ބްރެޒިލް ޖާގަހޯދައިފި


ޖަޕާންގެ ވެރިރަށް ޓޯކިޔޯގައި މިހާރު ކުރިއަށްދާ އޮލިމްޕިކް ކުޅިވަރު މުބާރާތުގެ ފިރިހެން ފުޓުބޯޅަ އިވެންޓްގެ ސެމީ ފައިނަލުން ބްރެޒިލް ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ސެމީ ފައިނަލުން ބްރެޒިލް ޖާގަހޯދީ ކުއާޓަރ ފައިނަލްގައި މިސްރާއި ބައްދަލުކުރި މެޗް އެއްލަނޑު ސުންލަނޑުން ކާމިޔާބުކޮށްގެންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ދެ ޓީމަށްވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިބިގެން ގޮސްފައިވެއެވެ. އަދި މިމެޗްގައި ބްރެޒިލްއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 37 ވަނަ މިނެޓްގައި ޖަހާދިނީ މެތިއަސް ކޫނިއާ އެވެ. މިކާމިޔާބީއާއެކު އެންމެފަހުގެ ޗެމްޕިއަން ބްރެޒިލް މިވަނީ މިމުބާރާތުގެ ސެމީ ފައިނަލުން ޖާގަހޯދާފައެވެ. ސެމީ ފައިނަލްގައި ބްރެޒިލް ބައްދަލުކުރާނީ މެކްސިކޯ އާއެވެ. މިމުބާރާތުގެ ސެމީ ފައިނަލުން މެކްސިކޯ ޖާގަހޯދީ ދެކުނު ކޮރެއާ އާއި ބައްދަލުކުރި މެޗް 6 ލަނޑު 3 ލަނޑުން ކާމިޔާބުކޮށްގެންނެވެ.

މިމުބާރާތުގެ ސެމީ ފައިނަލް މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ އޯގަސްޓްމަހުގެ ތިންވަނަ ދުވަހުއެވެ.