ޚަބަރު

އޮލިމްޕިކްސް ފިރިހެން ފުޓުބޯޅައިގެ ސެމީ ފައިނަލުން ސްޕެއިން ޖާގަހޯދައިފި


ޖަޕާންގެ ވެރިރަށް ޓޯކިޔޯގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގެ ފިރިހެން ފުޓުބޯޅަ އިވެންޓްގެ ސެމީ ފައިނަލުން ސްޕެއިން ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ސެމީ ފައިނަލުން ސްޕެއިން ޖާގަހޯދީ ކުއާޓަރ ފައިނަލްގައި ކޯޓަޑިއުއަރ އާއި ބައްދަލުކުރި މެޗް ފުރިހަމަ ވަގުތު ހަމަވިއިރު 2 ލަނޑު 2 ލަނޑުން ދެޓީމް އެއްވަރުވުމުން އިތުރު ވަގުތު ކުޅެ 5 ލަނޑު 2 ލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 10 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ ކޯޓަޑިއުއަރއެވެ. މިލަނޑު އެޓީމަށް ޖަހާދިނީ އެރިކް ބެއިލީއެވެ. މިމެޗްގައި ސްޕެއިންގެ ފުރަތަމަ ލަނޑު މެޗްގެ 30 ވަނަ މިނެޓްގައި ޖަހާދިނީ ޑެނިއެލް އަލްމޯއެވެ. މިމެޗްގައި ކޯޓަޑިއުއަރ އިން ޖެހި ދެވަނަ ލަނޑާއެކު މިމެޗުން އެޓީމް މޮޅުވާނެ ކަމަށް ގިނަ ބަޔަކަށް ގަބޫލް ކުރެވުނެވެ. ކޯޓަޑިއުއަރގެ މިލަނޑު މެޗްގެ 91 ވަނަ މިނެޓްގައި ޖަހާދިނީ މެކްސް އެލެއިން ގްރަޑެލް އެވެ. ނަމަވެސް މިލަނޑު ޖެހިތާ ދެމިނެޓް ފަހުން ސްޕެއިންގެ ރަފާ މީރު ޖަހާދިން ލަނޑާއެކު މެޗްގެ ނަތީޖާ ހަމަހަމަވެ އިތުރު ވަގުތުގެ ދެހާފް ކުޅެން ޖެހުނެވެ. މިމެޗްގައި ސްޕެއިންއިން ފުރަތަމަ ފަހަރަށް ލީޑު ނެގީ މެޗްގެ 98 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން މިކެލް އޮޔަރްޒަބާލް ޖަހާދިން ލަނޑުންނެވެ. މިމެޗްގައި ސްޕެއިންގެ ހަތަރުވަނަ ލަނޑު މެޗްގެ 117 ވަނަ މިނެޓްގައި ޖަހާދިނީ ދެވަނަ ލަނޑުވެސް ޖަހާދިން މީރުއެވެ. އަދި މެޗްގެ 121 ވަނަ މިނެޓްގައި ރަފާ މީރުވަނީ އިތުރު ލަނޑެއް ޖަހާ މިމެޗްގައި ހެޓްރިކެއްވެސް ހަދާފައެވެ.

މިކާމިޔާބީއާއެކު މިމުބާރާތުގެ ސެމީފައިނަލުން ސްޕެއިން ޖާގަހޯދާފައިވާއިރު ސެމިފައިނަލްގައި ސްޕެއިން ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ޖަޕާން އާއެވެ. މިމުބާރާތުގެ ސެމީފައިނަލުން ޖަޕާން ޖާގަހޯދީ ކުއާޓަރ ފައިނަލްގައި ނިއުޒީލަންޑާއި ބައްދަލުކުރި މެޗް ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވި އިރުވެސް ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތް ނުވުމުން ޕެނަލްޓީ ޖަހައިގެން 4 ލަނޑު 2 ލަނޑުންނެވެ.