ޚަބަރު

ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް އެފްއޭއެމްއިން ބިޑްކޮށްފި


ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް އެފްއޭމްއިން ރަސްމީކޮށް ބިޑް ހުށައަޅައިފިއެވެ.

މިދިޔަ އަހަރު ބާއްވަން މަސައްކަތްކުރި ސާފް ޗެމްޕިއަންޝިޕް މުބާރާތް މިއަހަރަށް ފަސް ކުރަން ޖެހުނީ ކޯވިޑް-19ގެ ސަބަބުންނެވެ. ބަންގްލަދޭޝްގައި މިދިޔަ އަހަރާއި މިއަހަރު ބާއްވަން މަސައްކަތް ކުރި މުބާރާތް ނުބޭއްވެނީ ބަންގްލަދޭޝްގައި ކޯވިޑުގެ ހާލަތު ގޯސްވުމުގެ ސަބަބުންނެވެ. ބަންގްލަދޭޝްގައި މުބާރާތް ނުބޭއްވޭނެތީވެ، ސާފްއިންވަނީ މިމަހުގެ 23ވަނަ ދުވަހު މުބާރާތް ބާއްވާނެ ގައުމެއް ހޯދުމަށް، ބިޑް ކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެއާއެކު ރާއްޖެއާއި، އިންޑިޔާއާއި، ނޭޕާލްއިން ޝައުގުވެރިކަން ފާޅުކުރިއެވެ.

އޭފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މީގެ ކުރިން ވިދާޅުވީ އަވަށްޓެރި ސްރީލަންކާއާއި ގުޅިގެން މުބާރާތް ބޭއްވުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. ނަމަވެސް ފަހުން އެފްއޭއެމްއިންވަނީ ހަމައެކަނި ރާއްޖޭގައި މުބާރާތް ބޭއްވުމަށް ނިންމާ، ބިޑް ހުށައަޅާފައެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރެއްވި ޓުވީޓެއްގައިވަނީ ސާފް ބޭއްވުމަށް ރަސްމީކޮށް ބިޑްކޮށްފައިވާ ކަމަށާއި ބައިނަލްއަޤްވާމީ މެޗުތަކާއި މުބާރާތްތައް ރާއްޖޭގައި ހޯސްޓްކުރަން ކުރެވޭ މަސައްކަތުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ދެއްވާ އެއްބާރުލުން ފާހަަގަކުރައްވާފައެވެ.

އޭއެފްސީ ކަޕްގައި ދެކުނު އޭޝިޔާއަށް ޚާއްސަ ގުރޫޕް، ގުރޫޕް ޑީގެ މެޗްތައް ރާއްޖޭގައި ބޭއްވުމަށް އެފްއޭއެމްއިން ކުރި ބިޑްވަނީ ކާމިޔާބުކޮށްފައެވެ. މި ގުރޫޕްގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ ތެރޭގައި މާލޭގައެވެ.