ޚަބަރު

70 އިންސައްތަ ޤައިދީންނަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ މީހުން


ޖަލުތަކުގައި ބަންދުކޮށްފައިވާ ޤައިދީންގެ 70 އިންސައްތަ ޤައިދީންއަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ޝާމިލްވެފައިވާ ޤައިދީންކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް މިހެން ވިދާޅުވީ ޕްރިޒަން އޮފިސަރުން ތަރައްޤީކުރުމަށް ހިންގި “ޓްރޭނިންގ އޮން ބޭސިކް ސައިކޯސޯޝަލް އެޑިއުކޭޝަން” ޕްރޮގްރާމާއި “ޑްރަގް އެޑިއުކޭޝަން އެވެއަރނަސް ޕްރޮގްރާމް ފޮރ ޕްރިޒަން އޮފިސަރސް” ޕްރޮގްރާމްގެ ނިމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޕްރޮގްރާމްތަކަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި ޔުނައިޓެޑް ނޭޝަންސް އޮފިސް އޮން ޑްރަގްސް އެންޑް ކްރައިމްއިން ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމްތަކެއްކެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށްޓަކައި ޤައުމީ ފެންވަރެއްގައި މަޝްވަރާތައްކޮށް، ގިނަ ކަންކަން ކުރެވެމުންދިޔަނަމަވެސް އެކަށީގެންވާ ހައްލުތަކެއް އަދި ނުފެންނަކަމަށެވެ. ހައްލުތައް ނުފެންނަ ސަބަބަކީ މުޖްތަމައުތެރޭގައި އަދި ޖަލުތަކުގެ ތެރޭގައިވެސް މިކަން ފެތުރިފައި އޮތް ބޮޑުކަމުންކަމުންކަމަށް އޭނާ ވިދާޅުވިއެވެ. މިގޮތުން ރާއްޖޭގައި ހުރި ޖަލުތަކުގައި ބަންދުކޮށްފައިވާ ޤައިދީންގެ ނިސްބަތައް ބަލާއިރު، 70 އިންސައްތަ ޤައިދީންނަކީ މަސްތުވާތަކެތީގެ ކޮންމެވެސް ބާވަތެއްގައި ޝާމިލްވާ ޤައިދީންކަން ކޮމިޝަނަރ އޮފް ޕްރިޒަންސް ފާހަގަކުރެއެވިއެވެ. އެހެންކަމުން ޖަލުތަކުގައި ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން ސަޕްލައި ހުއްޓުވުމަށްވެސް މަސައްކަތް ކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް، އެމްސީއެސްއިން ޝާއިޢުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ ފުރަތަމަ ހަ މަސްދުވަސް ތެރޭގައި ގާތްގަނޑަކަށް ބައި ކިލޯގެ މަސްތުވާތަކެތި ޖަލުގައި ހިންގި އެކި އޮޕަރޭޝަންތަކުން ވަނީ އަތުލައިގެންފައެވެ. އަދި ޖަލުތަކަށް މަސްތުވާތަކެތި ވަންނަ ގޮތްތައް އިތުރަށް ދިރާސާކުރަމުން އަންނަކަމަށާއި ރާއްޖޭގައި ޖަލުތައް ހަދާފައިވާ ގޮތުން، ޖަލުތަކުގެ ސަލާމަތާ ރައްކާތެރިކަން ބެލެހެއްޓުމުގައި ބައެއް އަސާސީ ސިފަތަކާއި ކަންތައްތައް ނެތުމުން ދަތިތަކާ ކުރިމަތިލާންޖެހޭކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވިއެވެ. އެގޮތުން ޖަލުތަކުގެ ވަށާފާރު ނެތުމާއި ބޭނުންވާ ބައެއް ޒަމާނީ އާލާތްތައް ނެތްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވީ ޖަލަށް ވަންނަންޖެހޭ ތަކެތި ވެއްދުމުގައި ކޮންމެވެސް ވަރަކަށް ޖަލު އޮފިސަރުންގެ ބައިވެރިވުން އޮތްކަމީ ހިތާމަހުރިކަމެއްކަމަށެވެ. އަދި އެކަންތައްތައް ހުއްޓުވުމަށް މުއައްސަސާގެ އޮނިގަނޑަށް ބަދަލު ގެނެވި، ޕްރޮފެޝަނަލް ސްޓޭންޑަޑްއެއް ޤާއިމުކުރުން ފަދަ ފިޔަވަޅުތައް އަޅާފައިވާކަން ކޮމިޝަނަރ އޮފް ޕްރިޒަންސް ފާހަގަކުރައްވާފައެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސްގެ ވާހަކަފުޅުގައި ޤައިދީންނަށް ޕެރޯލް ފުރުޞަތުގެ ދަށުން ސަރުކާރުގެ ކުންފުނިތަކާއި ގުޅިގެން މަސައްކަތްކުރުމުގެ ފުރުޞަތުތައް ހޯދައިދިނުމުގެ މަޝްވަރާތައް ކުރަމުން އަންނަކަން ފާހަގަކުރެއްވިއެވެ. އަދި ބައެއް ބާވަތުގެ ކުށްތަކަށް ޖަލު ނޫން އެހެން އަދަބު ދެވޭނެ ގޮތްތައް ހޯދުމަށްޓަކައި ކަމާބެހޭ ވުޒާރާތަކާ މަޝްވަރާކުރަން ފަށާފައިވާކަމަށްވެސް ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވިއެވެ.

އޮފިސަރުން ތަރައްޤީކުރުމަށް ހިންގި “ޓްރޭނިންގ އޮން ބޭސިކް ސައިކޯސޯޝަލް އެޑިއުކޭޝަން” ޕްރޮގްރާމާއި “ޑްރަގް އެޑިއުކޭޝަން އެވެއަރނަސް ޕްރޮގްރާމް ފޮރ ޕްރިޒަން އޮފިސަރސް” ޕްރޮގްރާމްގެ ނިމުމުގެ ރަސްމިއްޔާތުގައި ވަނީ ޓްރޭނިންގ ޕްރޮގްރާމް ފުރިހަމަކުރި އޮފިސަރުންނަށް ސެޓްފިކެޓް ހަވާލުކޮށްފައެވެ. މިމަހުގެ 17 އިން 24 އަށް ކުރިއަށް ގެންދިޔަ “ޓްރޭނިންގ އޮން ބޭސިކް ސައިކޯސޯޝަލް އެޑިއުކޭޝަން” ޕްރޮގްރާމް 24 އޮފިސަރުން ފުރިހަމަކޮށްފައިވެއެވެ. އަދި މިމަހުގެ 25 އިން 29 އަށްކުރިއަށް ގެންދިޔަ “ޑްރަގް އެޑިއުކޭޝަން އެވެއަރނަސް ޕްރޮގްރާމް ފޮރ ޕްރިޒަން އޮފިސަރސް” ޕްރޮގްރާމް 23 އޮފިސަރުން ވަނީ ފުރިހަމަކޮށްފައެވެ.

ސެޓްފިކެޓް ހަވާލުކުރުމުގެ އިތުރުން، ޔޫއެންއޯޑީސީގެ ފަރާތުން ތޯއިބާ ސައީދު ވަނީ މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސްއަށް ނެލްސަން މަންޑޭލާ ރޫސްލްސްގެ ޓޫލް ކިޓް ހަވާލުކޮށްފައެވެ.