ޚަބަރު

ހައިޓީގެ ރައީސް އަވަހާރަކޮށްލުމުގައި ސުޕްރީމު ކޯޓުގެ ކުރީގެ ފަނޑިޔާރެއް ބައިވެރިވިކަމުގެ ތުޙްމަތު


ހައިޓީގެ ރައީސް ޖޮވެނެލް މުއީސް އަވަހާރަކޮށްލުމުގައި އެ ޤައުމުގެ ސުޕްރީމު ކޯޓުގެ ކުރީގެ ފަނޑިޔާރެއް ބައިވެރިވެފައިވާކަމަށް އެ ޤައުމުގެ ފުލުހުން ތުޙްމަތުކޮށްފިއެވެ.

ހައިޓީގެ ރައީސް މުއީސް އަވަހާރަކޮށްލާފައިވަނީ އޭނާ ދިރިއުޅުއްވާ ގެޔަށް ދިން ޙަމަލާތަކެއްގައެވެ. އެއާއެކު ހައިޓީގެ ސިޔާސީ މަޞްރަޙްވަނީ ހަލަބޮލިވެ އެ ޤައުމުގެ ވަޤުތީ ބޮޑުވަޒީރު ކުލޯޑް ޖޯސެފުވަނީ އިސްތިޢުފާދެއްވައިފައެވެ. އޭގެ ފަހުން އެ މަޤާމަށް ޢައްޔަންކޮށްފައިވަނީ 71 އަހަރުގެ ޑަކްޓަރެއްކަމަށްވާ އޭރިޔަލް ހެންރީއެވެ.

ހައިޓީގެ ފުލުހުން ބުނެފައިވާ ގޮތުގައި އެ ޤައުމުގެ ސުޕްރީމު ކޯޓުގެ ކުރީގެ ފަނޑިޔާރެއްކަމަށްވާ ވެންޑެލް ކޮގްތެލޯވަނީ މުއީސް އަވަހާރަކޮށްލުމުގައި ބައިވެރިވެފައިވާ ކުލީ ސިފައިންނާ ބައްދަލުކޮށްފައެވެ. އެ ގޮތުން ދެ ފަހަރެއްގެ މަތިން ކޮގްތެލޯގެ އަމިއްލަ ގޭގައި ކުލީ ސިފައިންނާ ބައްދަލުކޮށްފައިވާކަމަށާއި އެ ކަމުގެ ހެކި ލިބިފައިވާކަމަށް ހައިޓީގެ ފުލުހުން ބުނެފައިވެއެވެ.

ބަޣާވާތެއް ކުރަން އުޅުމުގެ ތުޙްމަތުގައި ކޮގްތެލޯއާއި އިތުރު ދެ ފަނޑިޔާރެއް ހައިޓީގެ ސުޕްރީމު ކޯޓުން ވަކިކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މުއީސް އަވަހާރަކޮށްލުމާއެކު ކޮގްތެލޯވަނީ ފިލައިފައެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތްކުރަމުންދާކަމަށް ހައިޓީގެ ފުލުހުންވަނީ ބުނެފައެވެ.

ޖުލައި މަހުގެ 7ވަނަ ދުވަހު މުއީސް އަވަހާރަކޮށްލާފައިވަނީ ހަތިޔާރުއެޅި ކުލީ ސިފައިންގެ ބަޔަކު އޭނާ ދިރިއުޅުއްވާ ގެޔަށް ދިން ބަޑީގެ ޙަމަލާތަކެއްގައެވެ. އެ ޙަމަލާތަކުގައި އޭނާގެ އަނބިކަނބަލުންވެސްވަނީ ޒަޚަމުވެފައެވެ. މުއީސް އަވަހާރަކޮށްލުމުގައި މައިގަނޑު ގޮތެއްގައި ޙަރަކާތްތެރިވެފައިވަނީ ކޮލަންބިޔާގެ ކުލީ ސިފައިންގެ ބައެއްކަމަށް ހައިޓީގެ ފުލުހުން ބުނެފައިވެއެވެ.

ހައިޓީގެ ހުދުމުހުތާރު ވެރިކަން 1986ވަނަ އަހަރުގެ ތެރޭގައި ވެއްޓުނުފަހުން އެ ޤައުމުގައި ސިޔާސީ ހަމަޖެހުން ޤާއިމުކުރެވިފައެއް ނުވެއެވެ. 11 މިލިޔަން މީހުންގެ އަބާދީއެއް އޮންނަ ހައިޓީއަކީ މެދުތެރޭ އެމެރިކާގެ އެންމެ ފަޤީރު ޤައުމެވެ. ސިޔާސީ ހަމަނުޖެހުންތަކުގެ އިތުރުން 2010ވަނަ އަހަރު ހައިޓީއަށް ކުރިމަތިވި ބިންހެލުމުގެ ހާދިޘާއާއި 2016ވަނަ އަހަރު ކުރިމަތިލާން ޖެހުނު ތޫފާނުގެ ސަބަބުން އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން އެ ޤައުމަށްވަނީ ބޮޑެތި ލޮޅުންތަކެއް އަރައިފައެވެ.