ޚަބަރު

ސާއިދު ފުރަތަމަ ބުރަށް ކޮލިފައިއެއް ނުވި


ޓޯކިޔޯގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސްގެ 100 މީޓަރު ދުވުމުގެ ފުރަތަމަ ބުރަށް ކޮލިފައި ނުވެ ހަސަން ސާއިދު ނިންމާލަން ޖެހިއްޖެއެއެވެ. އޮލިމްޕިކްސްގެ 100 މީޓަރު ދުވުމުގެ ޕްރިލިމިނަރީ ބުރުގެ ފުރަތަމަ ހީޓުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުއަށް ލިބުނީ ހަތަރުވަނައެވެ.

100 މީޓަރުގެ ޕްރިލިމިނަރީ ފުރަތަމަ ހީޓުގައި ދުވެ، ސާއިދުގެ ރޭސް ނިންމީ 10.70 ސިކުންތެވެ. މި ހީޓުގެ 1ވަނައަށް ދިޔައީ 10.32 ސިކުންތުން ރޭސް ނިންމި ޒިމްބާބްވޭގެ މަކޫސާ އެންގޯނީއެވެ. 2ވަނައަށް ދިޔަ ޓޯގޯގެ ފަބްރީސް ޑަބްލާ ރޭސް ނިންމީ 10.57 ސިކުންތެވެ. 3ވަނައަށް ދިޔަ ނިކަރާގުއާގެ އެލިއަތު ރޮމޭރޯ ރޭސް ނިންމީ 10.62 އިންނެވެ.

2016ވަނަ އަހަރު ބްރެޒިލްގެ ރިއޯގައި ކުރިއަށްދިޔަ އޮލިމްޕިކްސްގެ ޕްރިލިމިނަރީ ހީޓުގެ އެއްވަނައިގެ ގޮތުގައި ފުރަތަމަ ބުރުން ސާއިދު ފުރުސަތު ހޯދިއެވެ. އެފަހަރު ސާއިދުގެ ޓައިމިންގއަކީ 10.43 ސިކުންތެވެ.

މިފަހަރުގެ އޮލިމްޕިކްސްގައި އުއްމީދުކުރިވަރުގެ ކާމިޔާބެއް ނުލިބުނު ކަމުގައިވިޔަސް ސާއިދުވަނީ މިހާތަނަށް މުހިންމު ދެ ގޭމްސްއަކުން ދިވެހިރާއްޖެއަށް ރަން މެޑަލް ހޯދާދީފައެވެ. އެއީ 2015ގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމާއި، 2019ގެ ސައުތް އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލްއެވެ. މީގެ އިތުރުން ސާއިދު ވަނީ އިންޑިއަން ގްރޯން ޕްރީ އާއި މެލޭޝިއަން އޯޕަން އިން ރަން މެޑަލް ހޯދައިފައެވެ.