ވިޔަފާރި

އިމިގްރޭޝަނުން ދެމުން އަންނަ ވިސާގެ ޚިދުމަތްތައް ކުރީގެ ސްޓަރ ސިނަމާ އިމާރާތަށް


މޯލްޑިވްސް އިމިގްރޭޝަންގެ ވިސާ ޑިވިޝަން ކުރީގެ ސްޓަރ ސިނަމާ ޢިމާރާތަށް ބަދަލުކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، އާދީއްތަ ދުވަހުން ފެށިގެން ވިސާ އާއި ގުޅޭ ހުރިހާ ޚިދުމަތެއް ދެމުންދާނީ ކުރީގެ ސްޓަރ ސިނަމާ ހިންގި މ.ސްޓާ ކުލައުޑުގެ އަށްވަނަ ފަންގިފިލާގައިކަމަށެވެ.

އަދި މި ބަދަލާއެކު އިމިގްރޭޝަނުން ދެމުން އަންނަ ޚިދުމަތްތައް ރަނގަޅުވެގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށްވެސް އިމިގްރޭޝަނުން ހާމަކުރެއެވެ. މީގެ ކުރިން ވިސާ އާއި ގުޅޭ ޚިދުމަތްތައް ދެމުން އައިސްފައިވަނީ ހުރަވީ ބިލްޑިންގް އިންނެވެ.

ވިސާ އާއި ގުޅޭ ޚިދުމަތްތައް އިމިގްރޭޝަނުން ފޯރުކޮށްދެމުންދަނީ މިހާރު އޮންލައިންކޮށެވެ. އެގޮތުން ބިޒްނަސް ވިސާ، ސްޕެޝަލް ވިސާ، މެރިއޭޖް ވިސާ، ސްޓޫޑެންޓު ވިސާ، ޑިޕެންޑެންޓު ވިސާ، އާއި ސްޕޮންސަރޝިޕް ޑެކްލެރޭޝަންއަށް މޯލްޑިވްސް އިމިގްރޭޝަންގެ އިމުގާ ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެއެވެ.

އަދި އެޕްލިކޭޝަން ޕްރޮސެސްވުމުން ޕާސްޕޯޓު ހުށަހެޅުމަށް އެޕޮއިންޓުމަންޓެއް ހަމަޖެހިގެންދާނެއެވެ. އަދި ޕާސްޕޯޓު ބަލާ އައުމަށްވެސް އެޕޮއިންޓްމަންޓެއް ހަމަޖެހިގެންދާނެއެވެ.

މާލެ ސިޓީގެ އިތުރުން އައްޑޫ ސިޓީ، ފުވައްމުލަށް ސިޓީ އަދި ކުޅުދުއްފުށީ ސިޓީގައިވެސް އިމިގްރޭޝަނުން އަންނަނީ ވިސާގެ ޚިދުމަތްދެމުންނެވެ.