ޚަބަރު

އޮލިމްޕިކްސް އަންހެނުންގެ ފުޓުބޯޅައިގެ ސެމީ ފައިނަލުން އޮސްޓްރޭލިއާ ޖާގަ ހޯދައިފި


ޖަޕާންގެ ވެރިރަށް ޓޯކިޔޯގައި މިހާރު ކުރިއަށްދާ އޮލިމްޕިކް ކުޅިވަރު މުބާރާތުގެ އަންހެނުންގެ ފުޓްބޯޅަ އިވެންޓްގެ ސެމީފައިނަލުން އޮސްޓްރޭލިއާ ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ސެމީފައިނަލުން އޮސްޓްރޭލިއާ ޖާގަހޯދީ ކުއާޓަރ ފައިނަލްގައި އިނގިރޭސިވިލާތާއި ބައްދަލުކުރިމެޗް ފުރިހަމަ ވަގުތު ހަމަވިއިރު 2 ލަނޑު 2 ލަނޑުން ދެޓީމް އެއްވަރުވުމުން އިތުރު ވަގުތު ކުޅެ 4 ލަނޑު 3 ލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އިނގިރޭސިވިލާތުގެ ޓީމެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 35 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ އޮސްޓްރޭލިއާއެވެ. މިލަނޑު އެޓީމަށް ޖަހާދިނީ އެލާނާ ކެނެޑީއެވެ. މިމެޗްގައި އިނގިޜޭސިވިލާތުން އެއްވަރު ކުރި ލަނޑު މެޗްގެ 57 ވަނަ މިނެޓްގައި ޖަހާދިނީ އެލެން ވައިޓްއެވެ. އަދި މެޗްގެ 66 ވަނަ މިނެޓްގައި ވައިޓް މިމެޗްގައި ޖެހި ދެވަނަ ލަނޑާއެކު މިމެޗްގައި ފުރަތަމަ ފަހަރަށް އިނގިރޭސީން ލީޑު ނެގިއެވެ. މިނަތީޖާގައި އޮވެ މެޗް ނިމެން ދަނިކޮށް އޮސްޓްރޭލިއާއަށް އެއްވަރު ކޮށްދިން ލަނޑު މެޗް ނިމެން އެއް މިނެޓަށް ވެފައިވަނިކޮށް ޖަހާދިނީ ސޭމް ކަރއެވެ.

މިމެޗްގެ 102 ވަނަ މިނެޓްގައި އިނގިރޭސީންނަށް ޕެނަލްޓީއެއްވެސް ލިބިގެންދިޔައެވެ. ނަމަވެސް ކެރޮލީން ވެއަރ ފޮނުވާލީ ޕެނަލްޓީ ކާމިޔާބުވާ ގޮތެއް ނުވިއެވެ. ނަތީޖާއަކަށްވީ އޭގެ އެއް މިނެޓްފަހުން އޮސްޓްރޭލިއާގެ މެރީ ފައުލަރ ލަނޑެއް ޖަހާ އެޓީމަށް ލީޑު ނަގާދިނުމެވެ. އަދި މެޗްގެ 106 ވަނަ މިނެޓްގައި ކަރ ވަނީ އިތުރު ލަނޑެއް ޖަހާ އޮސްޓްރޭލިއާގެ ލިޑު ފުޅާ ކޮށްދީފައެވެ. މެޗްގެ އިތުރު ވަގުތު ނިމެން 5 މިނެތަށް ވެފައިވަނިކޮށް އިނގިރޭސީންނަށް ކޮންމެވެސް ވަރެއްގެ އުންމީދެއް އާވެގެންދިޔައީ ވައިޓް މިމެޗްގައި ޖެހި ތިންވަނަ ލަނޑާއެކުއެވެ. ނަމަވެސް އިނގިރޭސީންނަށް އިތުރު ލަނޑެއް ކާމިޔާބު ކުރެވޭގޮތެއްނުވިއެވެ.

މިކާމިޔާބީއާއެކު އޮސްޓްރޭލިއާ މިވަނީ މުބާރާތުގެ ސެމިފައިނަލުން ޖާގަހޯދާފައެވެ. ސެމީފައިނަލްގައި އޮސްޓްރޭލިއާ ބައްދަލުކުރާނީ ސްވިޑްންއާއެވެ. މިމުބާރާތުގެ ސެމީފައިނަލުން ސްވިޑްން ޖާގަހޯދީ ކްއާޓަރ ފައިނަލްގައި ޖަޕާން އާއި ބައްދަލުކޮށް 3 ލަނޑު އެއްލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ.