މިއަހަރު ޓެނިހުގައި ގޯލްޑަން ސްލޭމެއް ހެދުމަށް ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ ސަރބިއާގެ ނޯވަކް ޖޯކޮވިޗް ކުރަމުންދިޔަ އުންމީދުތައް ނާކާމިޔާބުވެއްޖެއެވެ. އޭނާއަށް މިކަން ނާކާމިޔާބުވީ މިހާރު ކުރިއަށްދާ އޮލިމްޕިކް ކުޅިވަރު މުބާރާތުގެ ޓެނިހުގެ ފިރިހެން އިވެންޓްގެ ސެމީފައިނަލްގައި ޖަރުމަނުވިލާތުގެ އެލެގްޒެންޑަރ ޒްވަރޭވް އަތުން ޖޯކޮވިޗް ބަލިވުމުންނެވެ.
ޖޯކޮވިޗް ދިޔައީ އަހަރުގެ ހަތަރު ގްރޭން ސްލޭމް މުބާރާތާއި އޮލިމްޕިކް ރަން މެޑަލް އެއް ސީޒަނެއްގައި ހާސިލްކޮށް ގޯލްޑަން ސްލޭމް އެއް ހެދުމަށް އުންމީދު ކުރަމުންނެވެ. ޖޯކޮވިޗް މިހާތަނަށްވަނީ އަހަރުގެ ތިން ގްރޭން ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަން އާއި ފްރެންޗް އޯޕަންގެ އިތުރުން ވިމްބަލްޑަން ކާމިޔާބުކޮށްފައެވެ. އެހެން ކަމުން ބާކީ ދެން އޮތީ އޮލިމްޕިކްސްގެ ރަން މެޑަލް އާއި ޔޫއެސް އޯޕަން ޓެނިސް މުބާރާތެވެ. އަދި މިއަހަރު ޖީކޮވިޗް ދައްކަމުންދާ ކުޅުމުގެ ސަބަބުން އޭނާއަށް މިކަން ކާމިޔާބު ކުރުމުގ ފުރުސަތު ވަރަށް ބޮޑު ކަމަށް ގިނަ ބަޔަކު ދިޔައީ ގަބޫލް ކުރަމުންނެވެ.
ސެމީފައިނަލް މެޗް ޒްވަރޭވް ކާމިޔާބުކުރީ ފުރަތަމަ ސެޓް ޖޯކޮވިޗް ކާމިޔާބުކޮށްފައިވަނިކޮށް ފަހަތުން އަރާ ފަހު ދެސެޓް ކާމިޔާބުކޮށްގެންނެވެ. އެއީ އެކެއް ހައެއް، ހައެއް ތިނެއް އަދި ހައެއް އެކަކުންނެވެ. ފައިނަލްގައި ޒްވަރޭވް ބައްދަލުކުރާނީ ރަޝިޔާގެ ކެރެން ހަޗަނޯވް އާއެވެ. ހަޗަނޯވް ފައިނަލުން ޖާގަހޯދީ ސެމީފައިނަލްގައި ސްޕެއިންގެ ޕަބްލޯ ކަރޭނޯ ބުސްޓާ އާއި ބައްދަލުކުރިމެޗް ސީދާ ދެސެޓުން ކާމިޔާބުކޮށްގެންނެވެ. އެއީ ހައެއް ތިނެއް އަދި ހައެއް ތިނަކުންނެވެ. މާދަމާ ކުޅޭ ތިންވަނަ ހޮވާ މެޗްގައި ޖޯކޮވިޗް ބައްދަލުކުރާނީ ކަރޭނޯ ބުސްޓާއާއެވެ.