މަސްވެރިކަން ކުރުމަށް 17 އުޅަނދަކަށް ވޭތުވެދިޔަ އެއްމަސް ދުވަހުގެ ތެރޭގައި ހުއްދަ ދޫކޮށްފައިވާ ކަމަށް މާލެ ސިޓީ ކައުސިލުން ހާމަކުރައްވައިފިއެވެ. މީގެއިތުރުން މަސްވެރިކަމާއި ގުޅުންހުރި ބައެއް މައްސަލަތައްވެސް ވޭތުވެދިޔަ މަހުގެ ތެރޭގައި އެކައުންސިލުންވަނީ ހައްލުކޮށްފައެވެ.
ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި މާލޭ ސިޓީ ކައުންސިލުން ކޮށްފައިވާ މަސައްކަތްތަކާބެހޭ ގޮތުން އެކައުންސިލުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުގައި އެކި ދާއިރާތަކުން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލްވަނީ އާއްމުކޮށްފައެވެ.
އެގޮތުން މިދިޔަ ޖޫން މަހުގެ 18އިން ޖުލައި މަހުގެ 17ގެ ނިޔަލަށް މަސްވެރިކަން ކުރުމަށް 17 އުޅަނދަކަށް ހުއްދަ ދޫކޮށްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެފައިވެއެވެ. އަދި މިއުޅަނދުތަކުގައި މަސްވެރިކަން ކުރުމަށް ޖުމްލަ 96 މީހަކަށް ހުއްދަ ދޫކޮށްފައިވާކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. މީގެ އިތުރުން ކަނޑުފަޅާއި މަސްވެރިކަމާއި ގުޅުންހުރި ތަފާތު 3 މައްސަލައެއްގެ ތެރެއިން 1 މައްސަލަ މިމުއްދަތުގެ ތެރޭގައި ހައްލުވެފައިވާކަންވެސް އެކައުންސިލުން ފާހަގަކުރައްވައެވެ.
ކޯވިޑް-19 އާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިިން މާލެ ސިޓީގައި އެޅި ޚާއްސަ ފިޔަވަޅުތަކާއެކު، މާލެ ސިޓީން މަހަށް ފުރާ ފަރާތްތަކަށް މާލޭ ސިޓީން އަންނަނީ ޚާއްސަ ހުއްދައެއް ދޫކުރަމުންނެވެ.
ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި މާލެ ސިޓީ ކައުންސިލުން ހާސިލުކޮށްފައިވާކަންކަމުގެ ތެރޭގައި ކޮންސްޓްރަކްޝަން ދާއިރާއިން ރައްކާތެރިކަމަށްޓަކާވެސް ފިޔަވަޅުތަކެއްވަނީ އަޅާފައެވެ. އެގޮތުން ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުންދާ 75 ސައިޓެއްގެ ސޭފްޓީގެ ކަންކަން ހުރިނެތްގޮތް އެކައުންސިލުންވަނީ ބަލާފައެވެ. އެގޮތުން ބެލިބެލުމުގައި ސައިޓުތަކުގައި ހުރި 6 މައްސަލައެއް ފާހަގަވެފައިވާއިރު މިމުއްދަތުގެ ތެރޭގައި މި 6 މައްސަލަވެސް ޙައްލުކޮށްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއެވެ.
ރައްޔިތުންނާއި ގުޅުންހުރި ކަންކަން ވީހާވެސް ބޮޑަށް ރައްޔިތުންނަށް ފެންނަ ގޮތަކަށް ކުރިއަށްގެންދިޔުމަކީ އަމާޒެއްކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އެގޮތުން ސިޓީ ކައުންސިލުން ކުރައްވަމުންގެންދަވާ މަސައްކަތްތައް އެނގޭނެހެން އެކައުންސިލުން އަންނަނީ ތަފާސް ހިސާބުތައްވެސް އާއްމުކުރަމުންނެވެ. އެގޮތުން ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ކަނޑުފަޅާއި ކޮންސްޓްރަކްޝަން ދާއިރާއާއި ޢުމްރާނީ ގޮތުންނާއި އިޖްތިމާޢީ ގޮތުން ކުރެވުނު މަސައްކަތްތައް އެކައުންސިލުންވަނީ ހާމަކުރައްވާފައެވެ. މީގެ އިތުރުން ސިޓީ ކައުންސިލުން ކުރިއަށްގެންދާ ކަންކަމުގެ ޚަބަރު ގެނެސްދިނުމަށް ޚާއްސަ ނޫސް މަޖައްލާއެއްވެސް އެކައުންސިލުންވަނީ ނެރެފައެވެ.