ޚަބަރު

ޙާލަތު ގޯސްވެފައިވާ ތައިލޭންޑަށް އެމެރިކާއިން ވެކްސިން ފޯރުކޮށްދީފި


ކޯވިޑް-19ގެ ނުރައްކާތެރި ރާލަކާ ކުރިމަތިލަމުންދާ ތައިލޭންޑަށް އެމެރިކާއިން ވެކްސިން ފޯރުކޮށްދީފިއެވެ. އެ ގޮތުން އެމެރިކާއިންވަނީ ކޯވިޑް-19އާ ދެކޮޅަށް އުފައްދާފައިވާ ފައިޒަރ ވެކްސިންގެ 1.5 މިލިޔަން ޑޯޒު ތައިލޭންޑަށް ފޮނުވައިފައެވެ. އަދި އިތުރު 1 މިލިޔަން ޑޯޒު ތައިލޭންޑަށް ފޮނުވާނެކަމަށްވެސް އެމެރިކާއިންވަނީ ބުނެފައެވެ.

ދުނިޔެއިން އެންމެ ފުރަތަމަ ކޯވިޑް-19 ފެނުނު ޤައުމުތަކުގެ ތެރޭގައި ތައިލޭންޑު ހިމެނެއެވެ. ފާއިތުވި ހަފުތާތަކުގައި ތައިލޭންޑުން ކުރިމަތިލަމުން ދަނީ އެ ޤައުމުން މިހާތަނަށް ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ އެންމެ ނުރައްކާތެރި ރާޅާއެވެ. އެ ޤައުމުގައި ފެތުރެނީ ކޯވިޑް-19ގެ އެންމެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ ޑެލްޓާ ވޭރިއެންޓެވެ. އެ ގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ތައިލޭންޑުގައި 17,345 މީހުންނަށް ބަލިޖެހި 117 މީހުންވަނީ މަރުވެފައެވެ. އަދި އެ ޤައުމުގެ ހަސްފަތާލުތަކަށް ބާރުބޮޑުވެ ބަލިމީހުންނަށް ފަރުވާ ދިނުމުގައި ބޮޑެތި ދަތިތަކަކާވަނީ ކުރިމަތިލާންޖެހިފައެވެ. އެއާއެކު އެ ޤައުމުގެ ވެރިރަށް ބެންކޮކުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގައި 1،800 އެނދުގެ ހަސްފަތާލެއްވަނީ އަޅައިފައެވެ.

ކޯވިޑް-19އާ ދެކޮޅަށް ތައިލޭންޑުން ބޭނުންކުރަނީ އެސްޓުރެޒެނެކާ ވެކްސިންނާއި ޗައިނާއިން އުފައްދާފައިވާ ސިނޮވެކެވެ. ނަމަވެސް އެ ޤައުމުގައި ވެކްސިން ފުރިހަމަކޮށްފައިވަނީ 66 މިލިޔަން މީހުންގެ އާބާދީގެ ތެރެއިން 5.6 އިންސައްތަ މީހުންނެވެ.

އެސްޓުރެޒެނެކާ ވެކްސިން އުފެއްދުމުގެ ޙުއްދަވަނީ ތައިލޭންޑަށް ދީފައެވެ. ނަމަވެސް އެދެވޭ މިންވަރަކަށް އެ ޤައުމަކަށް ވެކްސިން އުފެއްދިފައެއް ނުވެއެވެ. އެއާއެކު އެ ޤައުމުން ބޮޑަށް ބަރޯސާވަނީ އެހެން ޤައުމުތަކުން ފޯރުކޮށްދޭ ވެކްސިންގެ ޑޯޒުތަކަށެވެ. އެ ގޮތުން ޗަައިނާއިންވަނީ ސިނޮވެކުގެ 1 މިލިޔަން ޑޯޒު ތައިލޭންޑަށް ދީފައެވެ. އަދި ޖަޕާނުންވަނީ އެސްޓުރެޒެނެކާ ވެކްސިންގެ އެއް މިލިޔަން ޑޯޒު ދީފައެވެ. އޭގެ އިތުރުން އިނގިރޭސިވިލާތުންވަނީ އެސްޓުރެޒެނެކާ ވެކްސިންގެ 415,000 ޑޯޒު ތައިލޭންޑަށް ފޮނުވާނެކަމަށް ބުނެފައެވެ.