ޚަބަރު

ޔުނައިޓެޑާ ބްރެންޓްފަޑް ބައްދަލުކުރި މެޗު އެއްވަރުވެއްޖެ


އިންގްލިޝް ޕްރިމިއަރ ލީގުގެ ދެ ޓީމުކަމަށްވާ މެންޗެސްޓަރ ޔުނައިޓެޑާއި ބްރެންޓްފަޑް ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ. ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ ދެ ލަނޑު ދެ ލަނޑުން އެއްވަރުވެގެންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 12ވަނަ މިނެޓުގައި ޖަހާ ދިނީ ޔުނައިޓެޑްގެ ޒުވާން ފޯވަޑް އެންތަނީ އެލާންގާއެވެ. އެލާންގާވަނީ އެންމެ ފަހުން ކުޅުނު މެޗުގައިވެސް ލަނޑުޖަހާފައެވެ. ނަމަވެސް މި ލަނޑު ޖެހިތާ 8 މިނެޓް ފަހުން މި ސީޒަންގައި ޕްރމިއަރ ލީގަށް ޕްރޮމޯޓްވި ބްރެންޓްފަޑްއިންވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

މި ލަނޑު އެ ޓީމަށް ޖަހާދިނީ ބްރަޔަން އެމްބެއުމޯއެވެ. މި މެޗުގައި ޔުނައިޓެޑްގެ ދެވަނަ ލަނޑު މެޗްގެ 50ބަނަ މިނެޓްގައި ޖަހާދިނީ އަންދްރެއާސް ޕެރޭރާއެވެ. ނަމަވެސް މިމެޗުގެ 78ވަނަ މިނެޓުގައި ޝެންޑޮން ބަބްޓިސްޓަވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް ބްރެންޓްފަޑްއަށް އެއްވަރުކޮށްދީފައެވެ.

މެޗަށްފަހު ވާހަކަދައްކަމުން ޔުނައިޓެޑްގެ ކޯޗް އޮލޭ ގަނަރ ސޯލްޝައަރވަނީ އައު ސީޒަނަށް ޓީމު އެކުލަވާލުމަށް ކުޅުންތެރިން ގެނައުމަށް ކުލަބުން އޭނާއަށް 100 މިލިއަން ޕައުންޑަށްވުރެ ގިނަ ފަންޑު ދީފައިވާތީ އެކަމަށް އޭނާގެ ހިތްހަމަޖެހުން ފާޅުކޮށްފައެވެ. އަދި އޭނާއަށް އިތުރަށް ކްލަބުގައި އެދޭނެ އެހެން ކަމެއް ނެތް ކަމުގައިވެސް އޭނާ ހާމަކުރިއެވެ.

ސޯލްޝައަރ ހާމަކުރިގޮތުގައި ޔުނައިޓެޑުން މިހާރު ދަނީ ވީހާވެސް އަވަހަކަށް ރަފައެލް ވަރަން އިނގިރޭސިވިލާތަށް ގެންދިއުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ކޮރޯނާ ވައިރަހުގެ ސަބަބުން އިނގިރޭސި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް މިހާރު ލުއިދީފައިވާތީ އެކަން އަވަސް ވެގެންދާނެކަމަށް ޤަބޫލުކުރާކަމަށްވެސް އޭނާ ބުންޏެވެ. އަދި ވަރަންއާއި ޖޭޑަން ސަންޗޯ ކުރިއަށް އޮތް ސީޒަނާއި އޭގެ ފަހުންވެސް ޔުނައިޓެޑަށް ކާމިޔާބީ ހޯދާ ދިނުމުގައި މުހިންމު ދައުރެއް އަދާކުރާނެކަމަށް ސޯލްޝައަރ ހާމަކުރިއެވެ.

މީގެ އިތުރުން، މާކަސް ރަޝްފަޑްގެ ކޮނޑަށް ލިބިފައިވާ އަނިޔާއާއި ގުޅިގެން އޮޕަރޭޝަން ކުރުމާމެދު ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ގޮތެއް ނިންމާނެކަމަށް އޭނާ ހާމަކުރިއެވެ. މިއޮޕަރޭޝަން ކޮށްފިނަމަ ސީޒަނުގެ ފުރަތަމަ ތިން މަސް ދުވަހުގެ ކުޅުން ރަޝްފަޑްއަށް ގެންލިގެންދާނެއެވެ.

އަދި މިދިޔަ ސީޒަނުގައި އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައިހުރި ފިލް ޖޯންސް އަލުން ކުޅުމުގެ ތެރެއަށް އައިސް ވަރަށް އަވަހަށް ފަރިތަކުރުންތަކުގައި ބައިވެރިވާނެކަމަށްވެސް ސޯލްޝައަރ ހާމަކުރިއެވެ.