ޚަބަރު

ޗެމްޕިއަންސް ލީގު ކޮލިފައިންގެ ތިންވަނަ ބުރުން މިޑްޖިލަންޑް ޖާގަ ހޯދައިފި


ޔޫއެފާ ޗެމްޕިއަންސް ލީގު ކޮލިފައިންގެ ތިންވަނަ ބުރުން ޑެންމާކްގެ އެފްސީ މިޑްޖިލަންޑް ޖާގަހޯދައިފިއެވެ. މިޑްޖިލަންޑް މި މުބާރާތުގެ ކޮލިފައިންގެ ތިންވަނަ ބުރުން ޖާގަހޯދީ ދެވަނަ ބުރުގައި ސްކޮޓްލޭންޑްގެ ސެލްޓިކްއާއި ބައްދަލުކުރިމެޗް 3 ލަނޑު 2 ލަނޑުގެ އެގްރިގޭޓް ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

މި ދެޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގްގެ މެޗު އެއް ލަނޑު އެއް ލަނޑުން އެއްވަރުވެފައިވަނިކޮށް ކުޅުނު ދެވަނަ ލެގް 2 ލަނޑު އެއް ލަނޑުން ކާމިޔާބުކުރީ މިޑްޖިލަންޑްއެވެ. ޑެންމާކުގައި ކުޅުނު ދެވަނަ ލެގްގެ ފުރަތަމަ ލަނޑު މެޗުގެ 48ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ ސެލްޓިކުންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކަލުމް މެކްގްރެގަރއެވެ. ނަމަވެސް މެޗުގެ 61ވަނަ މިނެޓުގައި މިޑްޖިލަންޑްގެ އަވަރ މަބީލް ޖަހާދިން ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަ ވެގެން ދިޔައެވެ. އަދި މި މެޗު އިތުރު ވަގުތު ކުޅެން ޖެހޭނެކަމަށް ޤަބޫލު ކުރެވިފައިވަނިކޮށް މި މެޗުން މިޑްޖިލަންޑް މޮޅުވި ލަނޑު މެޗްގެ 94ވަނަ މިނެޓްގައި ޖަހާދިނީ އޮންޔެޑީކާއެވެ.

މިއީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކޮލިފައިންގެ ދެވަނަ ބުރުން ސެލްޓިކް ޖެހިޖެހިގެން މި މުބާރާތަށް އަލްވަދާޢުކީ ދެވަނަ ފަހަރެވެ. މި ކާމިޔާބީއާއެކު މި މުބާރާތުގެ ތިންވަނަ ބުރުން މިޑްޖިލަންޑް ޖާގަހޯދާފައިވާއިރު ތިންވަނަ ބުރުގައި މިޑްޖިލަންޑް ބައްދަލުކުރާނީ ނެދަލޭންޑްސްގެ ޕީއެސްވީ އެއިންދްހޯވަންއާއެވެ. އަދި މި މެޗުން ބަލިވުމުން ސެލްޓިކް މިހާރުވަނީ ޔުއޭފާ ޔޫރޮޕާ ލީގުގެ ކޮލިފައިންގެ ތިންވަނަ ބުރަށް ވެއްޓިފައެވެ. އަދި ތިންވަނަ ބުރުގައި ސެލްޓިކް ބައްދަލުކުރާނީ ޗެކް ރިޕަބްލިކްގެ އެފް ކޭ ޔަބްލޮނެކްއާއެވެ.