ޚަބަރު

އެސްޓްރަޒެނެކާ ވެކްސިން ޖަހަން ހުޅުވާލައިފި، ލަސްނުކޮށް ވެކްސިން ޖައްސަވާ!


ކޯވިޑުން ދިފާޢުވުމަށް ޖަހާ ވެކްސިންތަކުގެ ތެރެއިން އެސްޓްރަޒެނަކާ ވެކްސިން ޖަހަން ބޭނުންވާ ފަރާތްތަކަށް އެޕޮއިންޓްމަންޓް ހެއްދުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ސަރުކާރުން ވަނީ އަންނަ ހޮނިހިރު ދުވަހު ވެކްސިން ޖެހުމުގެ ބޮޑު ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް ނިންމާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވިދާޅުވީ މާލެ ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތައް ވެކްސިން ޖެހުމަށްޓަކައި އެޕޮއިންޓްމަންޓް ހެއްދުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާކަމަށެވެ. އެގޮތުން އެސްޓްރަޒެނަކާގެ ފުރަތަމަ އަދި ދެވަނަ ޑޯޒް ޖަހަން ބޭނުންވާފަރާތްތަކަށް މިހާރު އެޕޮއިންޓްމަންޓް ހެއްދޭނެކަމަށް އެއެޖެންސީން ވިދާޅުވެއެވެ. އެސްޓްރަޒެނަކާ ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހެއްދުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު ސަރުކާރުން މިހާރުވަނީ އެސްޓްރަޒެނަކާގެ ވެކްސިންގެ ޝިޕްމަންޓެއް ރާއްޖެ ގެނެސްފައެވެ. އަދި މި ޝިޕްމަންޓުން ރާއްޖޭގައި މިހާރު ވެކްސިން ނުޖަހައި ތިބި އެންމެންނަށް ދެ ޑޯޒް ފުރިހަމަކުރެވޭ ވަރުވާނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މީގެ އިތުރަށް އިތުރު ޝިޕްމަންޓެއް ކުރިއަށް އޮތް ދުވަސްތަކުގައި އަންނާނެ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ވެކްސިން ޖަހަން ބޭނުންވާ ފަރާތްތަކުން އޮންލައިންކޮށް book.hpa.gov.mv މެދުވެރިކޮށް ކޮންމެ ވަގުތަކުވެސް އެޕޮއިންޓްމަންޓް ހެދޭނެ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މިލިންކު މެދުވެރިކޮށް އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް އައިޑީކާޑު ނުވަތަ ޕާސްޕޯޓު ނަމްބަރާއި ފޯނު ނަންބަރު ޖެހުމަށްފަހު އެމީހެއްގެ ފުރިހަމަ ނަމާއި ވެކްސިން ޖަހަން ދާން ބޭނުންވާ ވެކްސިން ސެންޓަރާއި ދާން ބޭނުންވާ ދުވަހާއި ގަޑި ފާހަގަކުރަންޖެހޭނެ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

އެޕޮއިންޓްމަންޓް ހަމަޖެހުމުން އެސްއެމްއެސްއެއް ލިބޭނެކަމަށާއި ވެކްސިން ޖަހަންދާއިރު މިމެސެޖު ދައްކަންޖެހޭނެ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އެއިދާރާއިން ވިދާޅުވީ އެޕޮއިންޓްމަންޓް ހަމަޖެހޭ ގަޑީގެ 15 މިނިޓްކުރިން ވެކްސިން ސެންޓަރުގައި ހުންނަންވާނެކަމަށެވެ. ގަޑިއަށް ނުދެވިއްޖެނަމަ އެޕޮއިންޓްމަންޓް ބުކިން ކެންސަލްވާނެ ކަމަށާއި އޭގެފަހުން އަލުންޖެހޭނީ އެހެން ދުވަހަކަށް އެޕޮއިންޓްމަންޓް ހަމަޖައްސަންކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މާލޭގައި އެކްސްޓްރަޒެނެކާ ވެކްސިން ޖެހުމުގެ މަސައްކަތް ކުރިއަށްދާނީ ހަ ސެންޓަރެއްގަ އެވެ. އެއީ ސޯޝަލް ސެންޓަރު، އާޓް ގެލަރީ، އިސްލާމީ މަރުކަޒު، ވިލިމާލެ ޔޫތު ސެންޓަރު، ދަމަނަވެށި އަދި ހުޅުމާލޭ ހޮސްޕިޓަލެވެ.

ފަސް ސެންޓަރެއްގައި ވެކްސިން ޖެހުމުގެ މަސައްކަތް ކުރިއަށްދާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ. އަދި ހުޅުމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖަހާނީ ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.

އަންނަ ހޮނިހިރު ދުވަހު ވެކްސިން ޖެހުމުގެ ބޮޑު ޕްރޮގްރާމެއް ފަށާއިރު ހުރިހާ ފަރާތްތަކުންވެސް މިކަމަށް އެއްބާރުލުން ދިނުމަށް ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ. މި ޕްރޮގްރާމަކީ ވެކްސިން ޖަހާ އުމުރުގެ 90 އިންސައްތަ މީހުންނަށް އޮގަސްޓްމަހުގެ ނިޔަލަށް ވެކްސިން ޖަހައި ނިންމުމަށް އަމާޒުކޮށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. ރާއްޖޭގެ ވެކްސިން ޕްރޮގްރާމް ބާރަށް ކުރިއަށްދާއިރު، މިހާރު ވެކްސިންޖެހޭ އާބާދީގެ ބޮޑުބަޔަކަށް ވެކްސިން ޖެހިފައިވާކަން އެޗްޕީއޭއިން ފާހަގަކުރެއެވެ. އެގޮތުން މިހާތަނަށް ވެކްސިން ނުޖަހާ ތިބީ ވެކްސިން ޖެހޭ އާބާދީގެ އެންމެ %27 އިންސައްތަ މީހުންކަމަށް އެޗްޕީއޭއިން ފާހަގަކުރައްވައެވެ.