ވިޔަފާރި

" އަންނަ އަހަރު ނިމޭއިރު އިޤްތިޞާދުގެ އާ މަންޒަރު ފެންނާނެ "


ރާއްޖޭގައި މިހާތަނަށް ފެށޭ އިޤްތިޞާދީ އަދި ތަރައްޤީގެ އެންމެ ވަރުގަދަ 2 ޕްރޮޖެކްޓް ފެށުމަށް ތައްޔާރުވަމުން އަންނައިރު މި ޕްރޮޖެކްޓްތަކާ އެކީ ރާއްޖޭގެ އިޤްތިސާދަށްވެސް ބޮޑު ހެޔޮ ބަދަލެއް އަންނާނެކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.އެގޮތުން މާލެ، ހުޅުލޭ ބްރިޖާއި އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރެވިގެން ދިއުމާއެކު ރާއްޖޭގެ އިޤްތިޞާދު އާ ހަރުފަތަކަށް ޖެހިލާނެކަމަށްވެސް މި ފަރާތްތަކުން ބުނެއެވެ. ރާއްޖޭގެ އުތުރާއި ދެކުނުގައި ރިސޯޓްތައް ތަރައްޤީކުރެއްވުމަށް ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މި ދެ ސަރަހައްދުގައި ފަތުވެރިކަން ކުރިއަރުވަން މަސައްކަތް ކުރާއިރު މި ސަރަހައްދުތަކުގައި އެއަރޕޯޓްތަކެއް ހެދުމަކީ މުހިއްމުކަމެއްކަމުގައި ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވިއެވެ.އެގޮތުން މިހާރުވެސް ފަތުވެރިން ދުރު ސަރަހައްދުތަކަށް ދަތުރު ނުކުރަނީ ސްޕީޑް ލޯންޗުތަކުގައި 40 މިނިޓްގެ ދިގު ދަތުރެއް ކުރަން ޖެހޭތީކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ. މިކަމަށް ހައްލެއް ގެނެއުމަށް ރާއްޖޭގެ އުތުރުން ހދ ކުޅުދުއްފުއްޓާ ށ އަތޮޅުގައި އެއަރޕޯޓްއެއް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި ސަރަހައްދުތަކުގައި އެއަރޕޯޓްތައް ތަރައްގީކުރެވުމުން މި ސަރަހައްދުތަކަށް އިންވެސްޓަރުންގެ ލޯތައްވެސް އަމާޒުވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ އުތުރާ ދެކުނުގައި ފަތުވެރިކަން ކުރިއެރުމުން މުޅި ރާއްޖޭގެ އިގްތިސާދަށް އޭގެން ރަނގަޅު ފައިދާކުރާނެކަމަށްވެސް ވިދާޅުވިއެވެ. ރާއްޖޭގެ އިގްތިސާދު މިހާރުވެސް އެންމެ ބޮޑަށް ބަރޯސާވާ އެއް ސިނާއަތަކީ ފަތުވެރިކަމުގެ ސިނާއަތެވެ. މި ސިނާއަތާއިއެކު އެހެން ސިނާއަތްތައްވެސް ކުރިއެރުވުމަށް ރާއްޖެއިން މިހާރުދަނީ މަސައްކަތްކުރަމުންނެވެ.