ޚަބަރު

މީޓަރ ޕާކިންގ ސިސްޓަމް މާލެއަށް ތަޢާރަފްކުރަނީ


މާލެ ސިޓީގައި މީޓަރ ޕާކިންގ ސިސްޓަމް ތަޢާރަފްކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމަވައިފިއެވެ. ޕާކިންގ މައްސަލަ ކުރިމަތިވެފައިވާއިރު މިއީ ރާއްޖެއަށް މުޅިން އާ ކޮންސެޕްޓެކެވެ.

މާލެއަށް ކުރިމަތިވެފައިވާ ވެހިކަލް ތޮއްޖެހުމުގެ މައްސަލައާއެކު ޕާކްކުރުމުގެ މައްސަލަވެސް ވަނީ ބޮޑުވެފައެވެ. މިކަމަށް ޙައްލެއް ގެނައުމަށް އެކި މަސައްކަތް އަންނަނީ ކުރަމުންނެވެ. މާލެ ސިޓީ ކައުންސިލުން މާލޭގެ އެކި ސަރަޙައްދުތަކުގައި ޕާކިންގއަށް ޚާއްސަ ސަރަޙައްދުތައް ކަނޑައަޅާފައިވާއިރު ބައެއް ސަރަޙައްދުތަކުގައި ޕާކުކުރުމަށް މިހާރުވެސް އަންނަނީ ފީއެއް ނަގަމުންނެވެ.

ޕާކިންގއަށް އިތުރު ޙައްލެއް ހޯދުމަށް މާލެ ސިޓީން އަންނަނީ މީޓަރ ޕާކިންގ ސިސްޓަމް ތަޢާރަފްކުރުމުގެ މަސައްކަތްކުރަމުންނެވެ. މީޓަރ ޕާކިން ސިސްޓަމަކީ ކަނޑައެޅޭ ވަކި އުސޫލަކުން މީޓަރަށް ފައިސާދެއްކުމަށްފަހު އެމީޓަރު ބެހެއްޓިފައިވާ ސަރަޙައްދެއްގައި ކަނޑައެޅޭ ވަކި ވަގުތެއްގެ ތެރޭގައި ޕާކް ކުރެވޭނެހެން ޤާއިމުކުރާ ސިސްޓަމެކެވެ.

މިފަދަ ސިސްޓަމްތައް މާލޭގައި ތަޢާރަފްކުރުމަށް ހުޅުވާލާފައިވާއިރު ސިސްޓަމް ހޯދާ ބަހައްޓައިދޭން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 19 ވަނަ ދުވަހު މިކަމުގެ މަޢުލޫމާތު ސާފުކޮށް ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު މިކަމަށް އަގު ހުށައެޅުމަށް ސިޓީ ކައުންސިލުންވަނީ ހުޅުވާލާފައެވެ.

މާލޭގައި ދިމާވެފައިވާ ޕާކިންގެ މައްސަލަ ޙައްލުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ޕާކުކުރުމަށް ޖާގަ ބޭނުންވާ ފަރާތްތަކުން ޕާކިންގ ޖާގައަށް އެދުމުގެ ފުރުސަތު އަންނަ މަހުގެ 14 ވަނަ ދުވަހާހަމައަށް ވަނީ ހުޅުވާލާފައެވެ. މިފުރުސަތުގައި 10 ސަރަޙައްދަކުން 211 ޖާގަ ދޫކުރުމަށް ސިޓީ ކައުންސިލުންވަނީ ނިންމަވާފައެވެ. މީގެތެރޭގައި އަމީނީމަގާ ގުޅިފައިވާ ގޯޅިތަކުން 123 ޖާގައާއި އާޓިފިޝަލް ބީޗް ސަރަޙައްދުން 24 ޖާގައާއި އަލިމަސްކާނިވާ ސަރަޙައްދުން 6 ޖާގައާއި ސަލްމާން މިސްކިތް ސަރަޙައްދުން 58 ޖާގަ ދޫކުރުމަށްވަނީ ނިންމާފައެވެ.

މިގޮތަށް ދޫކުރާ ޖާގަތަކަށް ކުލީގެ ގޮތުގައި މީގެކުރިން 3000 ރުފިޔާ ހަމަޖައްސާފައިވީނަމަވެސް ސިޓީ ކައުސިންލުންވަނީ އެޢަދަދު 750އަށް ކުޑަކޮށްފައެވެ.