ވިޔަފާރި

އެއަރ އިންޑިއާގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފި


އެއަރ އިންޑިއާއިން ރާއްޖެއަށް އަލުން ދަތުރުތައް ފަށައިފިއެވެ. އެއަރ އިންޑިއާގެ ދަތުރުތައް އަލުން ފަށާފައި މިވަނީ ކޯވިޑާއި ގުޅިގެން ދެކުނު އޭޝިއާ ޤައުމުތަކުގެ ފަތުރުވެރިންނަށް ދިން ލުއިތަކާ އެކުގައެވެ.

އެއަރ އިންޑިއާއިން ރާއްޖެއަށް ހަފްތާއަކު 4 ދުވަހު ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ކޮންމެ ހަފްތާއަކު ހޮނިހިރު ދުވަހާއި، ބުދަ ދުވަހު ވެރިރަށް ދިއްލީން މާލެއަށް އައުމަށްވަނީ ހަމަޖެހިފައެވެ. މިދަތުރުތައް ކުރާނީ މުމްބާއި މަގުން ކަމަށް އެއަރ އިންޑިއާއިން ވަނީ ހާމަކޮށްފައެވެ. އަދި އިއްޔެއިން ފެށިގެން މިދަތުރުތައް ފަށާފައިވާއިރު، ކޮންމެ ހޯމަ ދުވަހަކާއި ބުރާސްފަތި ދުވަހަކު، އެއަރ އިންޑިއާ ބެންގަލޫރުން މާލެ އައުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ޓްރިވެންޑްރަމް މަގުންނެވެ.


އިންޑިއާއަކީ މިފަހަކަށް އައިސް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް ޤައުމެވެ. އެއަރ އިންޑިއާގެ އިތުރުން އިންޑިއާއަށް ނިސްބަތްވާ އިތުރު 3 އެއަރލައިނަކުން ރާއްޖެއަށް ދަތުރުތައް ކުރެއެވެ. އެގޮތުން ގޯ އެއަރއިން ހަފްތާއަކު ދެ ފްލައިޓު ބާއްވާ އިރު، ސްޕައިސް ޖެޓުން ހަފްތާއަކު އަކު 14 ދަތުރު އަޅައެވެ. އަދި އިންޑިގޯއިން ހަފްތާއަކު 4 ދަތުރު ބާއްވައެވެ.