ޚަބަރު

ކުޑަކުދިންގެ ހިޔާގައި އަނެއްކާވެސް އަލިފާނުގެ ޙާދިސާއެއް


ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ އަލިފާނުގެ ޙާދިސާ ހިނގާފައިވަނީ ކުޑަކުދިންގެ ހިޔާގެ 4 ވަނަ ފަންގިފިލާގައި ހުރި ކޮޓަރިއެއްގައިކަމަށެވެ. އަދި މިހާރު ވިލިމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން އަލިފާންގަނޑު ނިއްވާލާފައިވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ. އެމްއެންޑީއެފްއިން ވިދާޅުވީ މިޙާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާކަމަށެވެ. އެހެންނަމަވެސް އެކޮޓަރީގައި ހުރި ބައެއް ތަކެއްޗަށް އެކިވަރުގެ ގެއްލުންވެފައިވާ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

މިއަލިފާނުގެ ޙާދިސާގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ މިއަދު ހެނދުނު 06:03 ހާއިރުކަމަށާއި އަލިފާން 06:10ހާއިރު ކޮންޓްރޯލްކޮށްފައިވާކަމަށާއި އެއްކޮށް އަލިފާން ނިއްވާލެވުނީ 07:20 ހާއިރުކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

ކުޑަކުދިންގެ ހިޔާގައި ވޭތުވެ ދެތިން މަހެއްގެ ތެރޭގައި މިފަދަ ޙާދިސާތަކެއް ތަކުރާރުކޮށް ހިނގާފައިވާއިރު މިއަދު ހިނގި އަލިފާނުގެ ހާދިސާގެ މައްސަލަ މިހާރު ފުލުހުން ތަޙުގީގުކުރަމުން އަންނަކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ. އަލިފާނުގެ މިހާދިސާއާ ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސްއިން އަދި ވަކި އެއްޗެއް ހާމައެއް ނުކުރައްވައެވެ.