ޚަބަރު

ނިއުޒިލެންޑް އޮލިމްޕިކްސްގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދައިފި


ޖަޕާންގެ ވެރިރަށް ޓޯކިޔޯގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސް ފިރިހެނުންގެ ފުޓުބޯޅަ އިވެންޓުގައި ނިއުޒިލެންޑާއި ރުމޭނިއާ ބައްދަލުކުރި މެޗު ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރުވެއްޖެއެވެ. މިނަތީޖާގެ ސަބަބުން ގްރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައި ނިއުޒިލެންޑުންވަނީ ޖާގަހޯދާފައެވެ.

މި މެޗުގައި ލަނޑު ޖަހާނެ ފުރުސަތު ދެ ޓީމަށް ލިބިގެންދިޔަ ނަމަވެސް އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. މި މެޗު އެއްވަރު ވުމުން ނިއުޡިލެންޑަށް ގްރޫޕްގެ ދެވަނަ މަޤާމް ލިބިފައިވަނީ ކުޅުނު ތިން މެޗްގެ ތެރެއިން އެއްމެޗުން މޮޅުވެ އެއްމެޗު އެއްވަރުވެ އަދި އެއްމެޗުން ބަލިވެ ލިބިފައިވާ ހަތަރު ޕޮއިންޓާއެކުއެވެ. މި ގްރޫޕުން އެއްވަނައަށް ގޮސްފައިވަނީ ދެކުނު ކޮރެއާއެވެ. ދެކުނު ކޮރެއާ ވަނީ ކުޅުނު ތިން މެޗްގެ ތެރެއިން ދެމެޗުން މޮޅުވެ އެއްމެޗުންބަލިވެ ހަ ޕޮއިންޓް ހޯދާފައެވެ. ދެކުނު ކޮރެއާއާއި ހޮންޑިއުރަސް މިއަދު ބައްދަލުކުރި މެޗު 6 ލަނޑު ސުންލަނޑުން ކާމިޔާބުކުރީ ދެކުނު ކޮރެއާއެވެ.

މިމުބާރާތުގެ ކުއާޓަރ ފައިނަލްގައި ނިއުޒިލެންޑް ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ގްރޫޕް އޭގެ އެއްވަނަ ޓީމު ކަމަށްވާ ޖަޕާން އާއެވެ. ޖަޕާންއާއި ފަރަންސޭސިވިލާތް ބައްދަލުކުރިމެޗް 4 ލަނޑު ސުންލަނޑުން ކާމިޔާބުކުރީ ޖަޕާންއެވެ. އަދި ދެކުނު ކޮރެއާ ކުއާޓަރ ފައިނަލްގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ގްރޫޕް އޭގެ ދެވަނަ ޓީމު ކަމަށްވާ މެކްސިކޯ އާއެވެ. މެކްސިކޯވަނީ މިއަދު ދެކުނު އެފްރިކާ އާއި ބައްދަލުކުރިމެޗް 3 ލަނޑު ސުން ލަނޑުން ކާމިޔާބުކޮށްފައެވެ.

ކުއާޓަރ ފައިނަލްގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31 ވާ ހޮނިހިރު ދުވަހުއެވެ.