ޚަބަރު

އޮސްޓްރޭލިއާ ބަލިކޮށް މިޞްރުން ކުއާޓަރ ފައިނަލުން ޖާގަ ހޯދައިފި


ޖަޕާންގެ ވެރިރަށް ޓޯކިޔޯގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސް ފިރިހެނުންގެ ފުޓުބޯޅަ އިވެންޓުގައި މިޞްރާ އޮސްޓްރޭލިއާ ބައްދަލުކުރި މެޗު މިޞްރު ކާމިޔާބުކޮށް ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ކުއާޓަރ ފައިނަލުން ޖާގަހޯދައިފިއެވެ. ގްރޫޕް ސީގެ މި މެޗް މިޞްރުން ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި މިޞްރުގެ ފުރަތަމަ ލަނޑު މެޗުގެ 44ވަނަ މިނެޓުގައި ޖަހާދިނީ ޔަސީރު ރަޔާންއެވެ. އަދި ދެވަނަ ލަނޑު މެޗުގެ 85ވަނަ މިނެޓްގައި ޖަހާދިނީ އަމަރު ހަމްދީއެވެ. މިއާއެކު ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބުކޮށް އެއް މެޗުން އެއްވަރުވެ އަދި އެއް މެޗުން ބަލިވެގެން ހަތަރު ޕޮއިންޓް ލިބި މިޞްރަށް ވަނީ ގްރޫޕްގެ ދެވަނަ މަޤާމު ލިބިފައެވެ.

މި ގްރޫޕުން ތިންވަނައަށް ދިޔަ އާޖެންޓީނާއަށްވެސް ހަތަރު ޕޮއިންޓް ލިބިފައިވީނަމަވެސް ހަޖާފައިވާ ލަނޑަށް ބަލާއިރު ކުރި ލިބެނީ މިޞްރަށެވެ. އެހެންކަމުން މި ގްރޫޕުން ދެވަނަ ޓީމުގެ ގޮތުގައި ކުއާޓަރ ފައިނަލުން ޖާގަ ލިބިފައިވަނީ މިޞްރަށެވެ.

މި ގްރޫޕުގައި ސްޕެއިންއާއި އާޖެންޓީނާ ބައްދަލުކުރިމެޗް އެއް ލަނޑު އެއް ލަނޑުން ވަނީ އެއްވަރުވެފައެވެ. އެހެންކަމުން މި ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓަރ ފައިނަލަށް ދަތުރު ކޮށްފައިވަނީ ސްޕެއިންއެވެ. އެއީ ކުޅުނު 3 މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ 2 މެޗުން އެއްވަރުވެ ލިބުނު 5 ޕޮއިންޓާއެކުއެވެ.

މި މުބާރާތުގެ ކުއާޓަރ ފައިނަލުގައި މިޞްރު ބައްދަލުކުރާނީ ގްރޫޕް ޑީގެ އެއްވަނަ ޓީމު ބްރެޒިލްއާއެވެ. ބްރެޒިލުންވަނީ ސަޢުދީ ޢަރަބިއްޔާއާއި ބައްދަލުކުރި މެޗު 3 ލަނޑު 1 ލަނޑު ކާމިޔާބުކޮށްފައެވެ. ކުއާޓަރ ފައިނަލުގައި ސްޕެއިން ބައްދަލުކުރާގޮތަށް ހަމަޖެހިފައިވަނީ ގްރޫޕް ޑީގެ ދެވަނަ ޓީމު ކޯޓެޑިވުއަރއާއެވެ. ކޯޓެޑިވުއަރއާއި ޖަރުމަނުވިލާތާއި ބައްދަލުކުރި މެޗް އެއްލަނޑު އެއްލަނޑުން ވަނީ އެއްވަރުވެފައެވެ.