ޚަބަރު

އޮލިމްޕިކްސް ބާކްސެޓްގައި އެމެރިކާއިން ފުރަތަމަ ފަހަރަށް މޮޅެއް ހޯދައިފި


ޖަޕާންގެ ވެރިރަށް ޓޯކިޔޯގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސް ފިރިހެނުންގެ ބާސްކެޓް ބޯޅަ އިވެންޓުގައި އެމެރިކާއާއި އީރާން ބައްދަލުކުރި މެޗު ފަސޭހަކަމާއެކު އެމެރިކާ ކާމިޔާބުކޮށްފިއެވެ. މި މެޗު އެމެރިކާއިން ކާމިޔާބުކޮށްފައިވަނީ 120 ޕޮއިންޓް 66 ޕޮއިންޓްގެ ބޮޑު ތަފާތަކުންނެވެ.

އެމެރިކާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުގެ ޑެމިއަން ލިލާޑްވަނީ 21 ޕޮއިންޓް ހޯދާދީފައެވެ. އަދި ޑޭވިން ބޫކަރވަނީ 16 ޕޮއިންޓް ހޯދާދީ 5 ރީބައުންޑް ނަގާފައެވެ. މި މެޗުގައި އެމެރިކާ ޓީމުންވަނީ 19 ތުރީ ޕޮއިންޓަރ ކާމިޔާބުކޮށްފައެވެ. އަދި ހަ ކުޅުންތެރިންވަނީ ދިހަ ޕޮއިންޓަށްވުރެ ގިނައިން ޕޮއިންޓް ހޯދާފައެވެ.

ފުރަތަމަ މެޗުގައި ފަރަންސޭސިވިލާތާއި ބައްދަލުކޮށް ހައިރާން ކުރުވަނިވި ގޮތަކަށް ބަލިވި އެމެރިކާއިން ދެން ކުޅޭ މެޗުގައި ޗެކް ރިޕަބްލިކް އަތުން މޮޅުވެއްޖެނަމަ މި މުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގަ ލިބިގެންދާނެއެވެ. ވޭތުވެދިޔަ ތިން ފަހަރުގެ ޗެމްޕިއަން އެމެރިކާ، ފަރަންސޭސިވިލާތުގެ އަތުން ބަލިވި ބަލިވުން ވެފައިވަނީ އެ ޓީމު އޮލިމްޕިކްސްގައި އެންމެ ފަހުން ކުޅުނު 25 މެޗްގެ ތެރެއިން ބަލިވި ފުރަތަމަ މެޗަށެވެ.

ގްރޫޕް ބީ އަށް ބަލާލާއިރު ޖަރުމަނުވިލާތްވެސް ވަނީ މިމުބާރާތުގައި ފުރަތަމަ ފަހަރަށް މޮޅުވެފައެވެ. އެއީ ނައިޖީރިއާ އާއި ބައްދަލުކުރިމެޗް 99 ޕޮއިންޓް 92 ޕޮއިންޓުން ކާމިޔާބުކޮށްގެންނެވެ. ޖަރުމަނު ޓީމަށް އެންމެ ގިނަ ޕޮއިންޓް ހޯދާދީފައިވަނީ 19 ޕޮއިންޓް ހޯދާދިން ޔޮހާނެސް ވޮއިގްޓްމަންއެވެ. ޖަރުމަނުވިލާތްވެސް ވަނީ ފުރަތަމަ މެޗުގައި އިޓަލީވިލާތް އަތުން ބަލިވެފައެވެ. މި ގްރޫޕްގައި އޮސްޓްރޭލިއާއާއި އިޓާލީވިލާތް ބައްދަލުކުރިމެޗް 86 ޕޮއިންޓް 83 ޕޮއިންޓުން ކާމިޔާބުކުރީ އޮސްޓްރޭލިއާއެވެ.