ޚަބަރު

އޮލިމްޕިކްސްގެ ކުއާޓަރ ފައިނަލުން މެދްވެދޭވް ޖާގަހޯދައިފި


ޖަޕާންގެ ވެރިރަށް ޓޯކިޔޯގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސްގެ ފިރިހެނުންގެ ޓެނިސް އިވެންޓުގެ ކުއާޓަރ ފައިނަލުން މުބާރާތުގެ ދެވަނައަށް ސީޑްކޮށްފައިވާ ރަޝިޔާގެ ޑެނީލް މެދްވެދޭވް ޖާގަހޯދައިފިއެވެ.

އޭނާ މި މުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގަހޯދީ އިޓަލީވިލާތުގެ ފަބިއޯ ފޮގްނީނީއާއި ބައްދަލުކުރި މެޗު ދެ ސެޓް އެއް ސެޓުން ކާމިޔާބުކޮށްގެންނެވެ. މި މެޗު މެދްވެދޭވް ކާމިޔާބުކުރީ ހައެއް ދޭއް، ތިނެއް ހަތެއް އަދި ހައެއް ދޭކުންނެވެ. ނަމަވެސް ޓޯކިޔޯގައި މެޗް ކުޅެމުންދިޔަ ވަގުތު ހޫނު ގަދަވުމުގެ ސަބަބުން މެދްވެދޭވްއަށްވަނީ މެޑިކަލް ޓައިމް އައުޓެއް ނަގަންޖެހި އަދި ޓްރެއިނަރވެސް ކޯޓަށް ގެންނަންޖެހިފައެވެ.

މެދްވެދޭވްއާއި ދުނިޔޭގެ އެއްވަނަ ފިރިހެއް ކުޅުންތެރިޔާ ނޯވަކް ޖޯކޮވިޗްވަނީ ޓެނިސް މެޗްތައް ފަށާގަޑި ލަސް ކޮށްދިނުމަށް މިދިޔަ ހަފުތާގައި އެދިފައެވެ. ނަމަވެސް އެކަމަށް އެންމެ ރަނގަޅު އިޖާބައެއް މިހާތަނަށް އޮތީ ނުލިބިފައެވެވެ. ނަމަވެސް މިއަދު އިންޓަރނޭޝަނަލް ޓެނިސް ފެޑެރޭޝަނުންވަނީ ކުޅުންތެރިންގެ ސިއްޙަތާއި އެހެން ކަންތައްތަކަށް ބެލުމަށްފަހު ޓެނިސް މެޗްތަށް މާދަމާއިން ފެށިގެން ޓޯކިޔޯ ގަޑިން ހެނދުނު 11ގެ ބަދަލުގައި މެންދުރުފަހު 3 ޖަހާއިރު ފަށާގޮތަށް ހަމަޖައްސާފައެވެ. 

މެދެވެދޭވްއަށްވަނީ އޭނާގެ މެޗުގައި ހޫނުގަދަވުމުގެ ސަބަބުން ނޭވާލާން އުނދަގޫވެގެން ގޮސްފައެވެ.

މި މުބާރާތުގެ އަންހެނުންގެ ބައިގައި ސްޕެއިންގެ ޕައުލާ ބަޑޯސާއާއި ޗެކް ރިޕަބްލިކްގެ މާކެޓާ ވޮންޑްރޮއުސޯވާ ބައްދަލުކުރި މެޗުގައި ބަޑޯސާއަށް ހީޓް ސްޓްރޯކެއް ޖެހުމުގެ ސަބަބުން އޭނާއަށް ޖެހުނީ މެޗުން ރިޓަޔަރ ވާށެވެ. ބަޑޯސާ ހާމަކުރިގޮތުގައި މިއީ އޭނާ މުބާރާތުން ވަކިވާން ބޭނުންވި ގޮތެއް ނޫނެވެ. އަދި މިފަހަރުގެ އޮލިމްޕިކްސް މުބާރާތުގައި ފުރަތަމަ ދުވަހުން ފެށިގެން އޭނާ ދިޔައީ ކުރިމަތިވެފައިވި އުނދަގޫ ހާލަތްތަކާއި ކުރިމަތިލަމުން ކަމަށާއި ނަމަވެސް މިއަދު އޭނާގެ ހަށިގަނޑަށް ކެތް ނުވީ ކަމަށް އޭނާ ބުންޏެވެ.