ޚަބަރު

ހެމިލްޓަންއަށް ދިން ޕެނަލްޓީ ރިވިއުކުރަން ރެޑް ބުލް އެދިއްޖެ


ބްރިޓިޝް ގްރޭންޑް ޕްރީގައި މަރސިޑީޒްގެ ލުއިސް ހެމިލްޓަންއާއި ރެޑް ބުލްގެ މެކްސް ވަރސްޓަޕެންގެ މެދުގައި ހިނގި އެކްސްސިޑެންޓާއި ގުޅިގެން ފޯމިއުލަރ ވަން އިން ހެމިލްޓަންއަށް ދިން ޕެނަލްޓީ އަލުން ރިވިއު ކޮށްދިނުމަށް ރެޑް ބުލް ޓީމުން އެދިއްޖެއެވެ.

މި އެކްސިޑެންޓްގައި ޒިންމާ ނަގަން ޖެހެނީ ހެމިލްޓަންކަމަށް ނިންމާ އޭނާއަށް 10 ސިކުންތުގެ ޕެނަލްޓީއެއް އެރޭހުގެ ތެރޭގައި ދިން އިރު އެހާދިސާއާއި ގުޅިގެން ވަރސްޓަޕެންގެ ކާރު ވަރަށް ބޮޑަށް ހަލާކުވެ އޭނާ ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ. ހެމިލްޓަންއަށް 10 ސިކުންތުގެ ޕެނަލްޓީއެއް ދިން ނަމަވެސް އޭނާވަނީ އެއިން އަރައިގަނެ އެރޭސް ކާމިޔާބުކޮށްފައެވެ.

މިހާދިސާއާއި ގުޅިގެން އެފް ވަންއިން ވަނީ ރެޑް ބުލްއާއި މަރސިޑީޒް ވީޑިއޯ ލިންކް މެދުވެރިކޮށް ބައްދަލުވުމަކަށް ހާޒިރުވުމަށް އަންގާފައެވެ. ރެޑް ބުލްއިން ބޭނުންވަނީ ހެމިލްޓަންއަށް ދިން ޕެނަލްޓީ އިތުރު ކުރުމަށެވެ. ނަމަވެސް އެކަމަށްޓަކައި އިތުރު ހެކި ހުށަހަޅަންޖެހެއެވެ. އެ ރޭސް ހިނގަމުންދިޔައިރު ހެމިލްޓަންއަށް ޕެނަލްޓީ ދީފައިވަނީ އޭރު ލިބެންހުރި ހެކިތަކުގެ މައްޗަށް ބިނާކޮށެވެ. ނަމަވެސް މިހާރު ރެޑް ބުލްއިންވަނީ އިތުރު ހެކި ހުށަހަޅާފައެވެ. އެހެންކަމުން މިހާރު ހުށަހަޅާފައިވާ ހެކި ބެލުމަށްފަހު އެފް ވަން އިން އެކަމާމެދު ގޮތެއް ނިންމާނެއެވެ.

ވަރސްޓަޕެންވަނީ ބްރިޓިޝް ގްރޭންޑް ޕްރީގައި ހެމިލްޓަން އޭނާއަށް އިޙްތިރާމް ކުޑަކުރުމުގެ އިތުރުން ކުޅިވަރުގެ ރޫޙާއި ޚިލާފަށް ހަރަކާތްތެރިވެފައިވާކަމަށް ތުޙުމަތުކޮށްފައެވެ. ރެޑް ބުލް ޓީމުގެ ޕްރިންސިޕަލް ކްރިސްޓިއަން ހޯނަރ ހާމަކުރިގޮތުގައި އެ އެކްސިޑެންޓްގެ ސަބަބުން އެ ޓީމަށް ވަނީ އެކެއް ޕޮއިންޓް އަށެއް މިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ވެފައެވެ. އެއީ މިފަހަރުގެ ސީޒަނަށް ބަލާއިރު ރެޑް ބުލް ޓީމުގެ މުޅި ބަޖެޓުގެ އެއް ޕަސެންޓަށްވުރެވެސް ބޮޑު އަދަދެކެވެ.

ނަމަވެސް މަރސިޑީޒްގެ ޗީފް ޓެކްނިކަލް އޮފިސަރ ޖޭމްސް އެލިސަން ހާމަކުރިގޮތުގައި ހެމިލްޓަންއަށް ދިން ޕެނަލްޓީ މާހަރުކަށްޓެވެ.