ވިޔަފާރި

އެމެރިކާގައި ލަގްޒަރީ މަންޒިލެއް ގޮތުގައި ރާއްޖެ އިޝްތިހާރުކުރަނީ


އެމެރިކާގައި ބާއްވާ ލަގްޒަރީ ޓްރެވެލް އެޑްވައިޒާސް އަލްޓްރާ ސަމިޓުގައި ދިވެހި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މިމަހުގެ 25 އިން 27 އަށް ކުރިއަށްގެންދާ މި ސަމިޓުގައި ބޭއްވުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ ޓެކްސަސްގައެވެ. ދިވެހިރާއްޖެއިން މި ހާއްސަ ސަމިޓްގައި ބައިވެރިވުމުގެ މަޤްޞަދަކީ 2020 ވަނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިމަތިވި ގޮންޖެހުންތަކާއެކު، ލަގްޒަރީ ޓްރެވެލްއަށް ދަތުރުކުރަން އެންމެ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖޭގެ މަގުބޫލުކަން ދެމެހެއްޓުންކަމަށް އެމްއެމްޕީއާރްސީން ފާހަގަކުރެއެވެ.

މިއީ 2021 ވަނަ އަހަރު އެމެރިކާގެ މާކެޓަށް އަމާޒުކޮށް ރާއްޖެއިން ބައިވެރިވާ ފުރަތަމަ ފިޒިކަލް އިވެންޓުކަމަށް އެމްއެމްޕީއާރްސީން ވިދާޅުވެއެވެ. މިއީ ލަގްޒަރީ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ތަރުހީބު ބޮޑު އިވެންޓު ކަމަށްވެސް އެމްއެމްޕީއާރްސީން ބުނެއެވެ.

މި ބީ2ބީ އިވެންޓްގައި ލަގްޒަރީ ކުންފުނިތަކަށް އެމެރިކާ ސަރަހައްދުގެ މާކެޓްތަކާއެކު ގުޅުން ބަދަހިކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ލަގްޒަރީ ޓްރެވެލް އިންޑަސްޓްރީގެ އެންމެ ފުންނާބުއުސް ވިޔަފާރިތަކާއެކު ބާއްވާ މި އިވެންޓްގައި ބައިވެރިވުމުގެ ދައުވަތު ދެނީ ލަގްޒަރީ މާކެޓްތަކުގައި އެންމެ ފާހަގަކޮށްލެވޭ ކުންފުނިތަކުގެ ވެރިންނަށާއި، މެނޭޖަރުންނަށްކަމަށް އެމްއެމްޕީއާރްސީއިން ވިދާޅުވެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާއިވެސް އެމެރިކާ މާކެޓުން ރާއްޖެއަށް ފާހަގަކޮށްލެވޭ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އެގޮތުން 2020 ވަނަ އަހަރު ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން އެމެރިކާ މާކެޓުން 27759 ފަތުރުވެރިން މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. އަދި ބޯޑަރު އަލުން ހުޅުވާލެވުނުފަހުން އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ 10 މާކެޓްތެރޭގައި އެމެރިކާ ހިމެނެއެވެ.

އެމެރިކާ މާކެޓަށް އަމާޒުކޮށް މި އަހަރު ކުރިއަށް ގެންދަން ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި ފެމިލިއަރައިޒޭޝަން ޓްރިޕްއާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ގުޅިގެން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ޖޮއިންޓް ކެމްޕެއިންގެ އިތުރުން މިއަހަރުގެ ސެޕްޓެމްބަރމަހު ބާއްވާ އައިއެލްޓީއެމް ނޯތު އެމެރިކާ އަދި ނޮވެމްބަރު މަހަށް ތާވަލުކޮށްފައިވާ ޑޭމާ ޝޯގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ހަމަޖެހިފައިވާކަމަށް އެމްއެމްޕީއާރްސީން ވިދާޅުވެއެވެ.