ޚަބަރު

ގޯލްޑް މެޑަލަށް އުއްމީދު ކުރި ޖަޕާންގެ އޮސާކާ މުބާރާތުން ކަޓައިފި


އޮލިމްޕިކްސްގެ ޓެނިސް އިވެންޓަކުން ޖަޕާނަށް ފުރަތަމަ ގޯލްޑް މެޑަލެއް ހޯދުމަށް ޖަޕާންގެ ޓެނިސް ތަރި ނައޯމީ އޮސާކާއަށް ލިބުނު ފުރުސަތު ގެއްލުވާލައިފިއެވެ.

މިފަހަރުގެ އޮލިމްޕިކްސް ޖަޕާނުގައި ކުރިއަށްދާތީ އެ ޤައުމުގެ އޮސާކާއަށް ރަން މެޑަލެއް ލިބޭނެކަމަށް ގިނަ ބަޔަކަށް ޤަބޫލުކުރެވުނެވެ. އަދި ޚާއްސަކޮށް މި މުބާރާތުގައި އެއްވަނައަށް ސީޑުކުރެވިފައިވާ އޮސްޓްރޭލިއާގެ އޭޝްލީ ބަރޓީ ފުރަތަމަ ބުރުން ބަލިވުމާއި ގުޅިގެން މިހާރު އަންހެނުންގެ ބައިން ރަން މެޑަލް ހޯދާނެކަމަށް އެންމެ ގިނަ ބަޔަކު ޤަބޫލު ކުރި ކުޅުންތެރިޔަކީ ނައޯމީއެވެ. އަދި އޭނާއަކީ މިވަގުތު ތިބި ކުޅުންތެރިންގެ ތެރެއިން އެންމެ މަތިން ރޭންކް ކުރެވިފައިވާ ކުޅުންތެރިޔާވެސްމެއެވެ.

މުބާރާތުގެ ތިންވަނަ ބުރުގައި ހައިރާން ކުރުވަނިވި ގޮތަކަށް ނައޯމީ ބަލިވެފައިވަނީ މާރކެޓާ ވޮންޑްރޮއުސޯވާއާއި ވާދަކޮށް ސީދާ 2 ސެޓުންނެވެ. ފްރެންޗް އޯޕަން ޓެނިސް މުބާރާތާއި ވިމްބަލްޑަން ޓެނިސް މުބާރާތުން ވަކިވުމަށް ފަހު މިއީ ނައޯމީ ކުޅުނު ފުރަތަމަ މުބާރާތެވެ.

މި މެޗުގައި ވޮންޑްރޮއުސޯވާވަނީ ނައޯމީއަށް ހަމަޖެހިލައިގެން ކުޅުމުގެ ފުރުސަތު ނުދީ 24 މިނެޓްގެ ތެރޭގައި ފުރަތަމަ ސެޓް ހައެއް އެކަކުން ކާމިޔާބުކޮށްފައެވެ. އަދި ދެވަނަ ސެޓް ވޮންޑްރޮއުސޯވާ ގެންދިޔައީ ހައެއް ހަތަރަކުންނެވެ.

މެޗަށް ފަހު އެންމެ ބޮޑު ހައިރާންކަމެއް ގެނުވީ، މެޗު ނިމުމާއެކު ޗޭންޖިން ރޫމަށް ދިއުމަށްފަހު، އެނބުރި އައިސް އޮސާކާ ނޫސްވެރިންނާއި ބައްދަލުކުރުމުންނެވެ. މިކަން ހައިރާން ކަމަކަށް ވެގެން ގޮސްފައިވަނީ ނިމިގެންދިޔަ ދެ މުބާރާތުގައިވެސް މީޑިޔާއާއި ކުރިމަތިނުލާން ނިންމާފައިވާ އޮސާކާ، މެޗުން ބަލިވެ، މީޑިޔާއާއި ކުރިމަތިލުމާއި ގުޅިގެންނެވެ.

އޮސާކާބުނީ ޕްރެޝަރު ހޭންޑްލް ކުރަން ދަސްކުރަންޖެހޭކަމަށާއި ބޮޑު ބްރޭކެއް ނެގުމުން ފޯމަކަށް އެޅެން ގިނަ އުނދަގޫތަކާއި ކުރިމަތިލާން ޖެހިފައިވާކަމަށެވެ.