ވިޔަފާރި

ދައުލަތަށް ލިބެންޖެހޭ ފައިސާ ނުދައްކާ 800 ކުންފުންޏެއް އުވާލަނީ


ދަޢުލަތަށް ލިބެންޖެހޭ ފީއާއި ޖޫރިމަނާ ފައިސާ ނުދައްކާ 800 ކުންފުންޏެއް، ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި އުވާލެވޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވައިފިއެވެ. އެމިނިސްޓްރީގެ ރެޖިސްޓްރަރ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ މިކުންފުނިތަކުން ދައްކަންޖެހޭ ފައިސާއަކީ ދަޢުލަތަށް ނުލިބޭނެ އެއްޗެއް ކަމުގައި ކަނޑައަޅުއްވައި، ފިނޭންސް މިނިސްޓްރީގެ ހުއްދައާއެކު މިކުންފުނިތައް އުވާލެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. ފުރަތަމަ އުވާލެވޭ 45 ކުންފުންޏަކީ 1980 ވަނަ އަހަރާއި 2000 ވަނަ އަހަރާއި ދެމެދު އުފައްދާފައިވާ ކުންފުނިތަކެއް ކަމަށްވެސް ވިސާމް ވިދާޅުވިއެވެ.ކުންފުނިތައް ރަޖިސްޓްރީ ކުރުމާއި ކުންފުނިތަކާއި ގުޅޭ އެކިއެކި މަސައްކަތްތައް ހަރުދަނާ ކުރެއްވުމުގެ ގޮތުން ކުންފުންޏާއިބެހޭ ޤާނޫނަށް އިޞްލާޙުތަކެއް ހުށައެޅުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ވިސާމް ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭނީ ކޮންކަހަލަ ބާވަތްތަކެއްގެ ކުންފުނިތަކެއްކަން ކަނޑައަޅުއްވައި، ކުންފުނީގެ ބާވަތުން ރަޖިސްޓްރީ ކުރެވޭނީ ކިތައް ޙިއްޞާދާރުންކަން ޤާނޫނަށް ގެނެވޭ އިޞްލާހުން ކަނޑައެޅިގެންދާނެ ކަމަށް ވިސާމް ވިދާޅުވިއެވެ. ރާއްޖޭގައި މިހާތަނަށް 11500 އާއި ގާތްކުރާ އަދަދަކަށް ކުންފުނި ރަޖިސްޓްރީ ކުރެވިފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.